ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ބަދަލާއެކު އެއާޕޯޓުގެ ޓާމިނަލް 2 އިން އެތެރެވަރީގެ ހުރިހާ ދަތުރުތަކެއްގެ އޮޕަރޭޝަންތައް ކުރިއަށްދާނެއެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި މި އޮޕަރޭޝަނަށް ބޭނުންވާ ބަދަލުތައް ޓާމިނަލަށް ގެނެސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި ތަން ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
މާދަމާއިން ފެށިގެން އެތެރެވަރީގެ ހުރިހާ ވައިގެ ދަތުރުތަކެއް ކުރާނީ މި ޓާމިނަލުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މީގެ ކުރިން ބޭރުގެ ދަތުރުތަކަށް ބޭނުންކުރި މި ޓާމިނަލް ހުސްވީ، ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މިދިޔަ ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރު ނިމުމުގެ ކުރިން ހުރިހާ ބައިނަލްއަގުވާމީ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ރާއްޖޭގައި މިވަގުތު އެތެރެވަރީގެ ދަތުރުތައް ކުރަމުން އަންނަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން، ފްލައި މީ އަދި މަންތާ އެއާ އެވެ. މާދަމާއިން ފެށިގެން މި ތިން އެއާލައިންގެ ޑޮމެސްޓިކް އޮޕަރޭޝަންތައްވެސް ކުރިއަށްދާނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްގައެވެ.

