އެއް ދުވަސް ތެރޭގައި 7،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައި، ރާއްޖެ އާއި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އާ ރިކޯޑެއް ގާއިމުކޮށްފިއެވެ. މި ތާރީހީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގައި ހާއްސަ ކޭކެއް ފެޅުމުގެ ހަރަކާތެއް ވެސް ވަނީ ބާއްވާފައެވެ.
ޓީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ރިކޯޑު ހަދާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ކުންފުނިން ވަނީ 7،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތްދީ، 800 އަށް ވުރެ ގިނަ ފްލައިޓް މޫވްމަންޓް (ޓޭކް-އޮފް އަދި ލޭންޑިން) ފުރިހަމަކޮށްފައެވެ. މިއީ އެ ކުންފުނީގެ ދިގު ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ޓީއެމްއޭ އިން ބުނީ، މިއީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތާއި އެކަކު އަނެކަކާ ދެމެދު އޮތް ބަދަހި ގުޅުމުގެ ނަތީޖާ ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ވެސް ކުންފުނީގެ އޮޕަރޭޝަންތައް އެއްވެސް މެދުކެނޑުމެއް ނެތި، އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރިކަން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އާ ރިކޯޑެއް ހެދި ދުވަހެކެވެ. އެ ދުވަހު ރާއްޖެއަށް ވަނީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ޖުމްލަ 11،136 ފަތުރުވެރިންނެވެ.
ޓީއެމްއޭ އިން އަންނަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކަށް ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މިފަދަ ރިކޯޑުތަކެއް ގާއިމުކުރެވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ދާއިރާގެ މާހިރުން ދެކެއެވެ.

