ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙު ތަޞްދީޤުކުރެއްވުމުގެ ކުރިން، އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ.
މި ޤަރާރަކީ 2026 ފެބުރުވަރީ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އާ ގުޅިގެން ނެރުއްވި ޤަރާރެކެވެ. މި ބިލުގައި ހިމެނޭ ކަންކަމަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުން ލާޒިމުވާ ކަންކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅާފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ތާރީޚެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރާނެ ސުވާލަކީ: "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.
ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގައިވާ ގޮތުން، މި އިޞްލާޙު ތަޞްދީޤު ކުރެވޭނީ ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިއްޖެނަމައެވެ. އަދި އަޣުލަބިއްޔަތު ލިބިއްޖެނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
ނަމަވެސް، ރައްޔިތުންގެ ޢާންމު ވޯޓުގައި މި އިޞްލާޙު ގެނައުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ބާޠިލުވާނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

