ތިނަދޫ ސިޓީއަށް އުފަން، އުމުރުން އެންމެ 25 އަހަރުގެ ނައުޝަމް ވަހީދަކީ މިއަދު ދިވެހި ފޮޓޯގްރަފީގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނެކެވެ. ދާދިފަހުން ބޭއްވުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި "ސްޕޯޓްސް ވިޝުއަލް އާޓިސްޓް އޮފް ދަ އިޔަރ" ގެ ޝަރަފުވެެރި އެވޯޑަކީ ނައުޝަމްގެ އަހަރު ތަކެއްގެ އިންތިޒާރަށް އާއި ފޮނި ނިމުމެކެވެ. ބުރަ މަސައްކަތާއި ހިތްވަރަށް ލިބުނު ކާމިޔާބީ އެކެވެ.
ނައުޝަމަށް ލިބުނު މި ޝަރަފަކީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. އެއީ މުޅި ހުވަދު އަތޮޅަށާއި ތިނަދޫ ސިޓީއަށް ލިބުނު ފަޚުރުވެރި ރަން ވަނައެކެވެ.
ނައުޝަމްގެ މި ކާމިޔާބީގެ ބިންގަލަކީ އޭނާގެ ބައްޕަ ހަދިޔާއަކަށް ދިިން ކެމެރާއެކެވެ. އެ ކެމެރާއާއެކު އޭނާ ފެށި ދަތުރު ފަސޭހައެއްނޫނެވެ. އެހެންނަމަވެސް ނައުޝަމް ކުރި ހިތްވަރާއި ގިރާކުރި އަޑިގުޑަންތަކަށް، ލިބުނީ އެންމެ ފުރިހަމަ މާނައިގައި ފޮނި ނަތީޖާއެކެވެ.
2021 ވަނަ އަހަރު "އިމޭޖަސް އެމްވީ" އާ ގުޅިގެން ކުޅިވަރު ފޮޓޯގްރާފީގެ ތެރެއަށް ވަދެވުމަކީ އޭނާގެ ހުވަފެންތައް ސީދާ ވުމަށް އަދި ދާއިރާއިން ކުރިއަށް ދިއުމަށް އެޅުނު ވަރަށް ވެސް ހަރުދަނާ ބިންގަލެވެ. އަދި މިއިހަށްރޭ ލިބުނު "ސްޕޯޓްސް ވިޝުއަލް އާޓިސްޓް އޮފް ދަ އިޔަރ" އަކީ އޭނާގެ އުއްމީދުތައް ރޯޝަންވެ ހުވަފެންްތަކުގައި ކުލަ ޖެހިގެން ދިޔަ ހަގީގީ މާނައިގައި ހާސިލުވި ފުރިހަމަ ކާމިޔާބީ އެކެވެ.
ނައުޝަމް ވަނީ ރާއްޖޭގައި ބޭއްވުނު ގިނަ ބޮޑެތި ކުޅިވަރު މުބާރާތްތަކެއް ކަވަރުކޮށްފައެވެ. އަދި ކުޅިވަރުގެ އެކިކަހަލަ ރަސްމިއްޔާތުތަކާއި ހަރަކާތްތަކުގައި، ޕެނަލްތަކުގައި ބައިވެރިވުމުގެ ރަނުގެ ފުރުސަތުތައް ނައުޝަމަށް ލިބިފައިވެއެވެ. އަދި އެއީ އޭނާއަށް މިދާއިރާގައި ލިބިފައިވާ އިތުރު ތަޖުރިބާތަކެކެވެ. ނައުޝަމް މިހާތަނަށް ބައިވެރިވި ބައެއް ރަސްމިއްޔާތުތަކާއި ހާސިލު ކުރި ކާމިޔާބީތައް:
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، އޭޝިއަން ޔޫތު ގޭމްސް 2025 ރަސްމީކޮށް ކަވަރުކުރުން. –
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، އޭޝިއަން ގޭމްސް 2023 ރަސްމީކޮށް ކަވަރުކުރުން. –
- Images.mv ގެ ހެޑް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށް، ރާއްޖޭގައި ބޭއްވުނު ބޮޑެތި ކުޅިވަރު ހަރަކާތްތައް ކަވަރުކުރުން. މީގެ ތެރޭގައި "ސާފް ޗެމްޕިއަންޝިޕް 2021 އަދި 2023" ހިމެނޭ. –
- ކެނަން އިން ސްޕޮންސަރ ކޮށްގެން ބޭއްވި "ވޯލްޑް ސްޕޯޓް ފޮޓޯގްރަފީ އެވޯޑްސް 2026" ގައި ދުނިޔޭގެ އެކި ކޮޅުތަކުން ހުށަހެޅި 23،000 އަށްވުރެ ގިނަ ފޮޓޯތަކުގެ ތެރެއިން، އެތުލެޓިކްސް ކެޓަގަރީން ފައިނަލިސްޓަކަށް ހޮވުން. –
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، ކޮމަންވެލްތު ގޭމްސް "ކުއީންސް ބެޓަން ރިލޭ" ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގެ ފޮޓޯގްރަފީ މަސައްކަތް ކުރުން. –
- އެމް.އޯ.ސީ އެތުލެޓިކްސް ފޯރަމް 2025 ގެ ޕެނަލް މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ކުޅިވަރު ކުރިއެރުވުމާ ގުޅޭ މަޝްވަރާތަކުގައި ފަންނީ ލަފަޔާއި އިރުޝާދު ދިނުން. –
ކާމިޔާބީގެ އުސްމިންތަކުގައި ހުރިއިރުވެސް، ނައުޝަމް އޭނާގެ އުފަން ރަށް ތިނަދޫ ސިޓީ މަތިން ހަނދާން ނައްތައެއް ނުލައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި އެވޯޑުގެ ބޮޑު ހިއްސާއެއް އޭނާގެ އުފަން ރަށަށް ހައްގުވެއެވެ.
ނައުޝަމް ބުނިގޮތުގައި އޭނާގެ މި ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ފަރާތަކީ ހެއްދެވި ފަރާތެވެ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ފަހު މަންމައާއި ބައްޕައަށް ފަށްފަށުން ޝުުކުރު އަދާ ކުރިއެވެ، އަދި "އިމޭޖަސް އެމްވީ" ގެ ހަސަން ސިމާހް އަދި މުޅި ޓީމުގެ އެއްބާރުލުން ފާހަގަކޮށް އެންމެނަށް ޝުކުރު އަދާކުރިއެވެ.
ނައުޝަމް ވަހީދުގެ ކާމިޔާބީއަކީ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި، ކެތްތެރިކަމާއެކު ކުރާ މަސައްކަތުގެ ނަތީޖާއެވެ. އޭނާގެ މި ކާމިޔާބީއަކީ ހުވަދު އަތޮޅުގެ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ހުވަދޫ މީޑިއާ އިން އެދެނީ ނައުޝަމަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތަކާއި ކުރިއެރުން ލިބި އަދަށް ވުރެ ފަހި ފެހި މާދަމާ އެއް ލިބުމެވެ.





