މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ޚާއްޞަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އެ ފްލެޓްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ބައުވެފައިވާ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދެއްވުމަށް ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ފްލެޓްތަކަށް ފައިސާ ނުދެއްކިގެން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުން ހިމެނެއެވެ. މީގެ އިތުރުން، ފްލެޓްތަކުގެ ސްޓްރަކްޗަރ ހަލާކުވެ، ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާތީ، ކޮންމެ ފްލެޓަކަށް އިނާޔަތެއްގެ ގޮތުގައި 100,000 (އެއްލައްކަ) ރުފިޔާ ދެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
މި އިނާޔަތް ދިނުމުގައި ހަމަޖެހިފައިވާ އުސޫލަކީ، ފްލެޓުގެ ވެރިފަރާތުން ދައްކަންޖެހޭ ޖުމުލަ ފައިސާ އެއްލައްކަ ރުފިޔާއަށްވުރެ ގިނަނަމަ، އެ އަދަދުން އެއްލައްކަ ރުފިޔާ އުނިކޮށްދިނުމެވެ. އަދި ދައްކަންޖެހޭ ފައިސާ އެއްލައްކަ ރުފިޔާއަށްވުރެ މަދުނަމަ، ބާކީވާ މިންވަރު ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް މުޅި އެއްލައްކަ ރުފިޔާ އެއްކޮށް އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ނިންމެވުމަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތި ހާލަތުގައި ތިބި ރައްޔިތުންނަށް ލުޔެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި މުހިންމު ނިންމެވުމެކެވެ.

