ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެ، އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދައްކަމުންދާ ދިވެއްސަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކުގައި އެދިއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް އެ މީހާ ދައްކަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ އަގީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދީނާ ހިލާފު މިފަދަ ވާހަކަތައް ދައްކަމުންދާ މީހާއަކީ މިވަގުތު ރާއްޖެއިން ބޭރުގައި ހުރި މީހެކެވެ. އޭނާ ދަނީ ޓިކްޓޮކް ލައިވްތައް މެދުވެރިކޮށް ދީނީ އަގީދާ ގަބޫލުނުކުރާ ކަމަށް ބުނެ، މުޖުތަމައުގެ ފިތުނަ އުފެދޭ ފަދަ އެކި ވާހަކަތައް ދައްކަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން ވެސް ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އިސްލާމީ އަގީދާއަށް ހުތުރުވާ ގޮތަށް ވާހަކަދެއްކުމާއި، ދީނަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

