މުޅި ރާއްޖެއަށް އަދިވެސް ދުންފުނީގެ އަސަރު ކުރަމުންދާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ދުންފުނީގެ އަސަރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ކަމަށެވެ.
ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ “އައިކިއު އެއާ” ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި މާއްދާއެއް ކަމަށްވާ “ފައިން ޕާޓިކިއުލޭޓް މެޓާ” (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 58.2 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.
މިކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން (ވިޒިބިލިޓީ) ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ދުރު ފެންނަ މިންވަރު ހުރީ އެންމެ 2 ކިލޯމީޓަރުގައެވެ. މީގެ އިތުރުން ހަނިމާދޫގައި 3 ކިލޯމީޓަރު، ކައްދޫގައި 4 ކިލޯމީޓަރު އަދި އައްޑޫ އާއި ކާޑެއްދޫގައި ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައެވެ.
މެޓްގެ އޮފިޝަލަކު ވިދާޅުވީ، “މާލެ ސަރަހައްދުގައި މިހާރު ދުރު ފެންނަ މިންވަރު ހުރީ ދެ ކިލޯ މީޓަރުގައި،” ކަމަށެވެ. އަދި މި ހާލަތު ކުރިއަށް އޮތް ހަތަރު ދުވަހުވެސް ދެމިއޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ޖައްވު ސާފުވާން ފަށާނީ އޭގެ ފަހުން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ބޭރުގައި ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމާއި، ކަސްރަތު ކުރުމަށް ބޭރަށް ނުކުމެ އުޅުން މިދުވަސްވަރު މަޑުޖައްސާލުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
މިފަދަ ދުންފުނީގެ އަސަރު ވައިގެ ތެރޭގައި ހުރުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް ނުރައްކާތެރި މާއްދާތައް އެތެރެވުމަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުން ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.

