ކުރިޔަށް އޮތް ރަމަޟާން މަހު އެމްޓީސީސީއިން ފޯރުކޮށްދޭ އާރުޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް ބައެއް ގަޑިތަކަށް މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތްތަކަށެވެ.
ބަހުގެ ހިދުމަތަށް އަންނަ ބަދަލުތައް
ރޯދަ މަހުގެ ތެރޭގައި ބަހުގެ ހިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ: މާލެ-ހުޅުމާލެ އަދި ހުޅުމާލެ-އެއާޕޯޓް ރޫޓު ހަވީރު 17:00 އިން 19:00 އަށް، މާލެ-އެއާޕޯޓް ރޫޓު ހަވީރު 17:00 އިން 18:40 އަށް، ހުޅުމާލެ އިންޓާނަލް ރޫޓު ހަވީރު 17:15 އިން 19:15 އަށް، މާލެ އިންޓާނަލް ރޫޓު ހަވީރު 18:00 އިން 21:00 އަށް، އަދި ވިލިމާލެ ބަސް ރޫޓު ހަވީރު 18:00 އިން 19:00 އަށެވެ.
ފެރީގެ ހިދުމަތަށް އަންނަ ބަދަލުތައް
ފެރީގެ ހިދުމަތްތަކަށް ބަލާއިރު، މާލެ-ވިލިމާލެ އަދި މާލެ-ތިލަފުށި ރޫޓު ހަވީރު 17:00 އިން 19:00 އަށް މެދުކަނޑާލާނެއެވެ.
މާލެ-ގުޅީފަޅު ރޫޓު ހަވީރު 16:15 އިން 17:00 އަށް މެދުކަނޑާލާއިރު، ހުޅުމާލެ-މާލެ ފެރީ ރޫޓުގެ ދަތުރުތައް މެންދުރު 15:00 ގެ ފަހުން ނުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އާރުޓީއެލް ބަހާއި ފެރީގެ ހިދުމަތްތައް ބައެއް ގަޑިތަކުގައި މެދުކަނޑާލުމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އިރުޝާދު ދެއެވެ.

