ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
ވީއައިއޭއިން ވިދާޅުވީ، ގެނެވުނު މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެންދާ އުޅަނދުތައް ދެން މަޑުކުރަން ޖެހޭނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) ކުރިމައްޗަށެވެ. އަދި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މިހާރު މަނާ ކަމެއް ކަމުގައި އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ޑޮމެސްޓިކް ޓާމިނަލުން ދަތުރު ނިންމާފައި އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރަން ޖެހޭނީ ޓާމިނަލް 1 ގެ ޓެކްސީ ކިއު ކަމަށް ވެސް ވީއައިއޭއިން މައުލޫމާތު ދެއެވެ. ނަމަވެސް، އެއާޕޯޓުގެ ބަސް ރޫޓްތަކަށް މި ބަދަލާ ގުޅިގެން އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް މިހާރު ކުރަމުންދާ ތިން އެއާލައިން ކަމަށްވާ މޯލްޑިވިއަން، ފްލައި މީ އަދި މަންތާ އެއާގެ ހުރިހާ އޮޕަރޭޝަންތަކެއް މިހާރު ވަނީ ޓާމިނަލް 2 އަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ޓާމިނަލް 2 ބޭނުންކުރަމުން ދިޔައީ ހަމައެކަނި މޯލްޑިވިއަންގެ އެއާބަސްގެ ޑޮމެސްޓިކް ދަތުރުތަކަށެވެ.
ވެލާނާ އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލް މިދިޔަ ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރު ނިމުމުގެ ކުރިން ހުރިހާ ބައިނަލްއަގުވާމީ އެއާލައިންތަކެއް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް މިހާރު ބޭނުންކުރަމުންދަނީ އެތެރޭގެ އުދުހުންތަކަށެވެ.

