މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާ، އެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ފަތުވާ ކޮމެޓީގެ ޖަލްސާއަށް ފަހު އިއްވެވި ހަނދާއި ބެހޭ ޤަރާރުގައި ބުނެފައިވަނީ، ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތީން، ފެބްރުއަރީ 18 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤަރާރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ރަމަޟާން މަހުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ގިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަށް ކުރައްވާ ކަމަށެވެ.

