ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ "ހޭންޑީ" ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ޖަރާސީމުން ތަޣައްޔަރުވެފައިވާތީ، އެ ފެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާކުރީ އެ ތަކެތި ތަޙުލީލު ކުރިއިރު ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާތީ ކަމަށެވެ. އެހެންކަމުން މިއީ ބޯން ކަމުދާ ފެނެއް ނޫން ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ދިމާވެފައިވަނީ ހޭންޑީ ބްރޭންޑުގެ 330 އެމް.އެލް، 500 އެމް.އެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކަށެވެ. ތަޙުލީލުތަކުން ދައްކާ ގޮތުގައި މި ފެނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫނެވެ.
ޢާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގެ ފެން ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 3034213 ނުވަތަ 7603204 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

