މިއީ ތަފާތު ތިން ރަހައެއް އެކުލެވޭ، ބަލާލަން ރީތި އަދި އެހާމެ މީރު ސްމޫތީއެކެވެ.
ބޭނުންވާ ތަކެތި:
- 1 އެވަކާޑޯ
- 1 އަނބު
- 75 ގްރާމް ސްޓްރޯބެރީ
- 1 ½ ޖޯޑު ތާޒާ ކިރު (ފްރެޝް މިލްކް)
- ހަކުރު (ރަހަލާވަރަށް)
- ކުޑަ ލޮނުކޮޅެއް (ކޮންމެ ބަޔަކަށް ވަކިން)
- ގަނޑުފެން
- ސްޓްރޯބެރީ އެސެންސް ތިއްކެއް
ތައްޔާރުކުރާނެ ގޮތް:
- އެވަކާޑޯ ބައި ތައްޔާރުކުރުން:
މިކްސަރު ޖާރަކަށް އެވަކާޑޯ، ކިރު، ކުޑަ ލޮނުކޮޅެއް އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އޮމާންވަންދެން ގިރުވާލާށެވެ. - އަނބު ބައި ތައްޔާރުކުރުން:
މިކްސަރު ޖާރަކަށް ކޮށާފައި ހުރި އަނބު، ކިރު، ލޮނު، ހަކުރު އަދި ގަނޑުފެން އެޅުމަށްފަހު ރަނގަޅަށް ގިރުވާލާށެވެ. - ސްޓްރޯބެރީ ބައި ތައްޔާރުކުރުން:
މިކްސަރު ޖާރަކަށް ސްޓްރޯބެރީ، ހަކުރު، ލޮނު، ސްޓްރޯބެރީ އެސެންސް އަދި ގަނޑުފެން އެޅުމަށްފަހު ރަނގަޅަށް ގިރުވާލާށެވެ.
ބޯން ބޭނުންކުރާ ބިއްލޫރި ތަށްޓެއް ނަގައި، އެންމެ ފުރަތަމަ ފަށަލައެއްގެ ގޮތުގައި ތައްޔާރުކުރި އެވަކާޑޯ ޖޫސް އަޅާށެވެ. އޭގެ މައްޗަށް ދެވަނަ ފަށަލައެއްގެ ގޮތުގައި އަނބު ޖޫސް އަޅާށެވެ. އަދި އެންމެ މަތީ ފަށަލައެއްގެ ގޮތުގައި ސްޓްރޯބެރީ ޖޫސް އަޅާށެވެ.
މިހާރު މިވަނީ ވަރަށް މީރު އަދި ތާޒާ ސްމޫތީއެއް ތައްޔާރުވެފައެވެ.
މިއީ ރޯދަ ވީއްލުމަކަށް ބޭނުންކޮށްލަން އަދި ހާރުދަމުގެ ލުއި ކެއުމަށްފަހު، ރޭގެ ފަހު ބުއިމަކަށް ބޭނުންކޮށްލަންވެސް ހަމަ އެއްވަނައިގެ ބުއިމެކެވެ.
ރަމަޟާން މަހުގެ ފުރަތަމަ ރޯދައަށް ހުވަދޫމީޑިއާގެ ބަދިގެ އިން މިގެނެސްދިން ރެސިޕީ ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

