ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ އާންމު ވޯޓާއި، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރު ފަސް ދުވަހުގެ ފުރުސަތެއް ދީފިއެވެ.
އީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މީގެ ކުރިން ދިން މުއްދަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ.
މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތައް އެކަންޏެވެ. ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އީސީގެ ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ ނުވަތަ "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާނަމަ ވެރިފައިޑް އީފާސް އެކައުންޓެއް ބޭނުންވާނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. އެގޮތުން VR (space) IDNO ޖެއްސެވުމަށްފަހު 1414 އަށް ފޮނުވުމުން މައުލޫމާތު ސާފުވާނެއެވެ. މީގެ އިތުރުން ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް މި މައުލޫމާތު ބެލޭނެއެވެ.
މި ފަހަރު ނަގާ އާންމު ވޯޓަކީ ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ވޯޓެކެވެ. މި އިސްލާހުތަކުގެ ތެރޭގައި އިންތިޚާބުތައް އެއްކޮށްލުމާއި މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތައް ހިމެނެއެވެ.
މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ވޯޓުލީ މީހުންގެ އަޣުލަބިއްޔަތުން މި އިސްލާހުތަކަށް ތާއީދު ލިބިއްޖެނަމަ، 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލު ބާތިލުވާނެއެވެ.

