ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އިސްލާމީ ލީޑަރުންނަށް ވަކިވަކިން ފޮނުއްވެވި މެސެޖެއްގައި ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކަށް ރޯދަ މަހުގެ ތަހުނިޔާ އަރިސް ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މި މައްސަރަކީ އިސްލާމީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނެ މައްސަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ނާއިންސާފު އަނިޔާތައް ތަހައްމަލު ކުރަންޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތް ކުރެއްވުމަށް އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ. އަދި އެ އަހުންނާއި އުހުތުންގެ އަޒުމު މި ރޯދަމަހު ވަރުގަދަކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

