މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ. ޒަކާތު ހައުސް އިން ވިދާޅުވި ގޮތުގައި އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ގިނަ ވަސީލަތްތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ބީއެމްއެލް، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ މިންވަރު ކަނޑައަޅާފައިވަނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުގެ އަގަށެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކަކީ:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބަސްމަތީ އާދައިގެ ހަނޑޫ: 77 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑޫ: 109 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑޫ: 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ. ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުން ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރަށެވެ.

