ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރި ވަގުތީ މާރުކެޓް “ދަނޑުވެރިންގެ ބާޒާރު” މިއަދު ހުޅުވައިފިއެވެ. މި މާރުކޭޓު ޤާއިމްކޮށްފައިވަނީ މާލޭ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި އިމާރާތުގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މާރުކޭޓުގައި ޖުމްލަ 7 ރަށަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށްތައް ކަމަށްވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނެއެވެ. މި ރަށްތަކުން ގެންނަ ތަކެތި ބެހެއްޓުމަށްޓަކައި މާރުކޭޓުގައި ވަކި ގޮޅިތަކެއް ވަނީ ޚާއްސަކުރެވިފައެވެ.
މި މާރުކޭޓުގެ އެންމެ ޚާއްސަ އެއް ކަމަކީ މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް މިތަނުން ލިބެން ހުރުމެވެ. މި ބާޒާރުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތަކެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް މިތަނުގައި ވިއްކުމަކީ މަނާކަމެކެވެ.
މާރުކޭޓު ހުޅުވިފައި ހުންނާނެ ގަޑިތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ވިޔަފާރި ކުރެވޭނެއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މާރުކޭޓަކީ ވަގުތީ ތަނެއް ކަމަށާއި، ރަމަޟާން މަސް ނިމުމާއެކު މާރިޗު މަހުގެ 26 ވަނަ ދުވަހު މިތަން ނަގާނެ ކަމަށެވެ.
މި ބާޒާރަކީ ރޯދަ މަހަށް ތަކެތި ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ތަނެކެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ ދުވަސްވަރަކަށް ވާތީ، މިފަދަ ބާޒާރެއްގެ ސަބަބުން ދަނޑުވެރިންނަށާއި ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.

