އަންހެނުން ބާރުވެރިކުރުވުމަށާއި އެކަނބަލުންނަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަން ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބު ހާމަ ކުރައްވައިފި އެވެ.
މެންދުރުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަޖީބު ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އަށް ކައުންސިލްގެ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ.
އަންހެނުންނަށް ގޭގައި ތިއްބަވައިގެން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުގެ އެގްރޯ ނެޓް މެދުވެރިކޮށް ނޑުވެރިކަމުގެ ފުރުޞަތުތައް ފުޅާކުރުމަށް އަޖީބު ވަނީ ރާއްވަވާފައެވެ. މީގެ ތެރޭގައި ކައުންސިލުން ބިން ދޫކޮށް، ދަނޑުވެރިކަމުގެ ތަމްރީނާއި ވަސީލަތްތައް ހިލޭ ފޯރުކޮށްދީ، އަންހެނުން އުފައްދާ ތަކެތި މާކެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.
“އަންހެން ބޭފުޅުން އެތާނގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އެގްރޯއަށް ގަންނަ އެއްޗެހި. އެހެންވީމާ، ވަރަށް ފަސޭހައިން އެބައޮތް އަންހެން ބޭފުޅުންނަށް ހަމަ މާބޮޑު އޮފީހަކަށް ގޮސްގެން ވަޒީފާ އަދާކުރުމުގެ ބަދަލުގައި އެބޭފުޅުން ބޭނުންވަގުތެއްގައި އެބޭފުޅުންގެ ދަނޑުގައި ދަނޑުގޮވާން ކޮށްގެން ކަންތައްތައް ކުރެވޭނެ ގޮތްތައް ފަހިވެފައި،“ އަޖީބު
މީގެ އިތުރުން، ހުވަދު އަތޮޅަށް ޚާއްޞަ ތުނޑުކުނާ ވިޔުމުގެ މަސައްކަތް އާލާކޮށް، ވޮކޭޝަނަލް ސެންޓަރެއް މެދުވެރިކޮށް އެ މަސައްކަތް ދަސްކޮށްދިނުމަށް އަޖީބުގެ އަމާޒެކެވެ. މިގޮތުން އުފައްދާ ތަކެތި އަތޮޅުގެ ރިޒޯޓުތަކަށް މާކެޓް ކުރުމަށްޓަކައި އެގްޒިބިޝަންތައް ބާއްވައި، އަންހެނުންގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކައުންސިލުން އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. މިއީ އަންހެނުންނަށް ގޭގައި ތިއްބަވައިގެން ކުރެވޭނެ، އަދި ރާއްޖޭގައި ބޮޑު އަގު ލިބޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޖީބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިހާކުރާއި، ތެލުލި ރިހާކުރު އަދި އެކި ބާވަތުގެ މަސްދަޅާއި މަހުގެ އުފެއްދުންތަކަކީ ތިނަދޫ ސިޓީގައި ފުޅާދާއިރާއެއްގައި ތައްޔާރުކުރެވިދާނެ ތަކެއްޗެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ތިނަދޫ ސިޓީގެ އަންހެނުންނަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުޞަތު ފުޅާވެ، އިޤްތިޞާދީ ގޮތުން މިނިވަން ބަޔަކަށް ވުމަށް މަގުފަހިވެގެންދާނެއެވެ. ކައުންސިލުން މަސައްކަތް ކުރާނީ ސަރުކާރުގެ އެހީތެރިކަމާއެކު މި ހުރިހާ ވަސީލަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
“މިސާލަކަށް ދަންނަވާކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް އެބަފެނޭ އެސް .ޓީ.އޯގައިވެސް އެބަހުރި، ރިހާކުރު ދެއްތޯ. ތެލުގެ ރިހާކުރުވެސް އެބަހުރި. އެކި ވައްތަރުވައްތަރުގެ މައްސަ މުގުރާފައި ހުރި އެކި ވައްތަރުވައްތަރުގެ، މަސް އެބަހުރި ކޮރާފައި ހުރި ވައްތަރުވައްތަރުގެ، މަސް އެބަހުރި. މި އެއްޗެއްސަކީ އަޅުގަނޑުމެންނަށް ހަމަ ހުވަދު އަތޮޅުގައި ތިނަދޫ ސިޓީގައި ވެސް ތައްޔާރުކުރެވިދާނެ އުފެއްދިދާނެ އެއްޗެހި އިނގޭތޯ. އަޅުގަނޑުމެން ބޭނުންވަނީ އެފަދަ ވިސްނުމަކާ އެކީގައި އެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހަރަކާތްތައް ބައްޓަންކުރަންޖެހޭނީ. އެފަދަ ފުރުޞަތުތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދޭން. އޭގެތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިސްކަމެއް މިދެންނެވި ކަހަލަ މަސައްކަތްތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ފޯރުކޮށްދެވިދާނެ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމެއް އެއީ. އެކިއެކި ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް ގެނެވިދާނެ ޓްރެއިނަރުން އިނގޭތޯ، އަންހެން ބޭފުޅުން އެކިއެކި ދާއިރާތައް، މިސާލަކަށް ރުކުފަތީން އެއްޗެހިވިޔުމަށް ވެސް. އިންޑޮނޭޝިއާގެ ކަހަލަ ތަންތާނގެ އެއީ ހަމަ ވަރަށް ވަރަށް އާއްމުކޮށް އެ ތަންތާނގައި އެބަ ކުރޭ. އެ އެއްޗެހިތައް އަޅުގަނޑުމެން ރާއްޖެއަށް ގެނެސްގެން އެބަ ވިއްކަން. އެހެންކަމަށްވެއްޖެއްޔާ އެ ބޭބޭފުޅުން އެތަނުން އަޅުގަނޑުމެންނަށް ޓްރެއިންކުރެވޭނެކަހަލަ ކޮންމެވެސް ޓްރެއިނަރ ގެނެސްގެން އަޅުގަނޑުމެންގެ އަންހެން ބޭފުޅުންނަށް ނުވަތަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިއްބެވި، މި ދެންނެވިހެން ވަޒީފާއެއް ނެތިފައި ތިބި ބޭބޭފުޅުންނަށް މި ދެންނެވި ކަހަލަ ޓްރޭނިންތަކެއް އަޅުގަނޑުމެންނަށް ރަށު ފެންވަރުގައި ހިންގޭ ކަމަށް ވެއްޖެއްޔާ އެ އެއްޗެހިތައް ބާޒާރަށް ނެރެވޭނެ، އެހެންވީމަ މިކަހަލަ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑު ދަންނަވާނީ ކައުންސިލުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވިދާނެއޭ،” އަޖީބު ވިދާޅުވިއެވެ.
އިންޑޮނޭޝިއާ ފަދަ ޤައުމުތަކުން ތަމްރީނުދޭ ފަރާތްތައް ގެނެސްގެން، ރުކުފަތީގެ އުފެއްދުންތައް ފަދަ އަތްތެރި މަސައްކަތްތައް އަންހެނުންނަށް ދަސްކޮށްދިނުމަކީވެސް އަޖީބުގެ ތަޞައްވުރެއްގެ ގޮތުގައި އަޖީބު ހާމަކުރައްވާފައެވެ.
ހަމަމިއާއެކު އަޖީބު ވަނީ އެ ސިޓީގެ ތަޢުލީމީ ދާއިރާ އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ޚާއްޞަ ތަޞައްވުރެއް ހާމަކުރަައްވާފައެވެ. މި ތަޞައްވުރަކީ ތިނަދޫގެ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު އެކުލަވާލާފައިވާ ރޭވުންތަކެއް ކަމަށް އަޖީބު ވަނީ ވިދާޅުވެފައެވެ. މި ތަޞައްވުރުގެ ދަށުން ތިނަދޫގައި އިންޓަރނޭޝަނަލް ސްކޫލެއް ގާއިމުކުރުމާއި، ޒަމާނީ ޕަބްލިކް ލައިބްރަރީއެއް ބިނާކުރުން ހިމެނެއެވެ. އަދި ތިނަދޫއަކީ މުޅި އަތޮޅުގެ ތަޢުލީމީ މަރުކަޒަކަށް ހެދުމަށްޓަކައި، އެހެން ރަށްރަށުގެ ދަރިވަރުންނަށް ތިބެވޭނެ ބޯޑިންގ ފެސިލިޓީއެއް ގާއިމުކުރުމަށްވެސް ވަނީ ރޭވިފައެވެ.
މުދައްރިސުންގެ ކުރިއެރުމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށްވެސް އަޖީބުގެ ތަޞައްވުރުގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށް އިތުރު ރިސޯސް މީހުން ފޯރުކޮށްދިނުމާއި، މުދައްރިސުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ ބަޖެޓުން ސްކޫލްތަކަށް ބޭނުންވާ ޓީވީ އާއި ކޮމްޕިއުޓަރު ފަދަ ވަސީލަތްތައް ހޯދައިދިނުމަށާއި، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް މަސައްކަތްކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކުގައި ކަމަށް އަޖީބު ވިދާޅުވިއެވެ.

