މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް ހުސްކޮށްފައިވާ ނޯތު ހާބަރު ސަރަހައްދު، ކަނޑު އުޅަނދު ފަހަރަށް މިރޭ ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް މިރޭ 23:00 އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.
ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތަށް ނޯތު ހާބަރު ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ހުސްކޮށްފައިވަނީ މީގެ މަހެއް ކުރިންނެވެ. މިހާރު އެ ސެގްމެންޓުގެ މަސައްކަތް ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.
ޖުމްލަ 144,509,024.16 ރުފިޔާ ހަރަދުވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

