ހާރުކެއުން، ޢަރަބި ބަހުން ނަމަ ސަޙޫރު އަކީ “ސަޙަރުގެ ވަޤުތުގައި ކާކެއުމެވެ”. ސަޙަރުގެ ވަޤުތަކީ ރޭގަނޑުގެ އެންމެ ފަހު ބައެވެ. ސީނުގައި އުބުފިލިޖަހައިގެން ކިޔާނަމަ (ސުޙޫރު) މާނައަކީ “ހާރު ކެއުމެވެ.” (ކެއުމުގެ ޢަމަލެވެ.) ހާރުކެއުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށްބޮޑަށް ޣާފިލިވެވިފައިވާ ކަމެކެވެ. އޭގެ އަޞްލު މާނައިގައި ހާރުކާފަރާތްތައް އަޅުގަނޑުމެންގެ ޒުވާން ޖީލިގައި މަދުވަމުންދާއިރު މިކަމަކީ ދީނުގައި ކިހާ މުހިންމު ކަމެއްކަމެއް ގިނަމީހުންނަކަށް ނޭގެއެވެ.
ހެނދުނު ކާކެއުމަށް އަޅުގަނޑުމެން ބްރެކްފާސްޓް ކިޔަމެވެ. އެއީ މިސާލަކަށް މަސްހުންޏާއި ރޮއްޓެވެ. މެންދުރު ކެއުމަށް ކިޔައި އުޅެނީ ލަންޗެވެ. އެއީ މިސާލަކަށް ބަތާއި ރިހައެވެ. ބްރެކްފާސްޓްގެ ވަޤުތުގައި ބަތާއި ރިހަ ކެއިކަމުގައިވިޔަސް އެކެއުމުގެ ނަން ލަންޗަކަށް ނުވާނެއެވެ. ހެނދުނ ކައިފިނަމަ، ކޮންމެއެއްޗެއް ކެއިނަމަވެސް ވާނީ ބްރެކްފާސްޓަށެވެ. އެގޮތުން ހާރުކެއުމަކީވެސް އެހެން ކެއުންތަކެކޭވެސް އެއްފަދައިން ވަކި ޚާއްސަ ވަޤުތެއް ލިބިގެންވާ ކެއުމެކެވެ. އެކެއުމުގެ ވަޤުތަކީ ސަޙަރުގެ ވަޤުތެވެ. އެއީ ފަތިސްނަމާދަށް ގޮވުމުގެ ކުރިން ރޭގަނޑުގެ އެންމެ ފަހު ވަޤުތުކޮޅެވެ. ނިދުމުގެ ކުރިން ހާރުކަނީއޭ ބުނެ ބޮޑުކެއުމެއް ކާލައިގެން ނިދި ކަމުގައި ވީނަމަވެސް އެކެއުން ހާރުކެއުމަކަށް ނުވާނެއެވެ.
އަނަސް އިބްނު މާލިކްގެ އަރިހުން ރިވާ ވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.” تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً ” (رواه البخاري (1923) ومسلم (1095))
މާނަ: “ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތް ވެއެވެ.”
ހާރުކެއުމަކީ ދީނީ ގޮތުންނާއި ދުންޔަވީގޮތުންވެސް އެތައް ގިނަގުނަ ފައިދާތަކެއް ރޯދަވެރިޔާއަށް ކުރާ ކަމެކެވެ. އަދި މަތީގައިވާ ޙަދީޘުންވެސް ހާމަވާފަދައިން އެއީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާކަމެކެވެ. ބަރަކާތް ލެއްވިގެންވާ ކަމެއްކަމަށް ޙަދީޘުގައި އޮތުމުން މިކަމަށް އިސްލާމްދީން ބާރުއަޅާ މިންވަރު ހާމަވެގެންދެއެވެ.
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.” مَنْ أَرَادَ أَنْ يَصُومَ فَلْيَتَسَحَّرْ بِشَيْءٍ “(رواه أحمد (14533) وصححه الألباني في السلسلة الصحيحة (2309)
މާނަ: “ރޯރަހިފަން ބޭނުން މީހަކުނަމަ، ކޮންމެވެސް އެއްޗަކުން ހާރުކާހުށިކަމެވެ.”
ވީމާ ކިތަންމެ މަދު އެތިކޮޅަކުން ނަމަވެސް ހާރުކެއުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ ކޮންމެހެން މާބޮޑު ކެއުމަކަށް ވާކަށް ނުޖެހެއެވެ. ރަނގަޅުގޮތަކީ ވެސް ލުއި ގޮތަކަށް ހާރުކައިލުމެވެ. ސަބަބަކީ، އެގަޑީގައި ބޮޑު ކެއުމެއް ކައިފިނަމަ ފަތިސްނަމާދުގެ ވަޤުތު ކަންނެތްކަން އިޙްސާސުވެދާނެތީއެވެ. އަދި އެގަޑީގައި މާގިނައިން ކައިފިނިމަ، ރޯދަޔަށް ހުންނައިރު މާބޮޑަށް ކަރުހިއްކުންވެސް އެކަށީގެންވާތީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ” السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين ” (رواه أحمد، وحسنه الألباني)
މާނަ: “ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ.”
ހާރުކެއުން ލަސްކްށްލުން ސުންނަތްވެގެންވެއެވެ. ޞަޙީޙުލް ބުޚާރީގައިވާ ޙަދީޘެއްގައި ވެއެވެ.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ: ” أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلاَةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ “، يَعْنِي آيَةً (رواه البخاري)
މާނަ: “އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ
. “لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ” (رواه أحمد)
މާނަ: “ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ”
ހާރުކެއުމުގެ ބައެއް ފައިދާ:
- ހާރު ކެއުމުގެ ސަބަބުން ހަށިގަނޑަށް ބާރުލިބިދީ، ރޯދަޔަށް ހުރެ އަޅުކަންކުރުމަށާއި އެހެނިހެންވެސް ކަންތައްކުރުމަށް ތިމާއަށް ފަސޭހަކޮށްދެއެވެ. ހާރުކެއުމަކާނުލައި ބަނޑުހައިކަންމަތީ ހުރެއްޖެނަމަ، ވަރުބަލިވުމާއި ކަންނެތްވުން ފަދަ ކަންކަން މެދުވެރިވުމަކީ އެންމެނަށް ވެސް އެނގޭފަދައިން ހަމަ ދިމާވެދާނެ ކަންކަމެވެ.
- ހާރުކެއުމަކީ، މީހާ ތާޒާކޮށް، އެހެން މީސްތަކުންނާ ހެޔޮގޮތުގައި މުޢާމަލާތު ކުރަން ބާރުއަޅައިދޭ ކަމެކެވެ.
- ހާރުކައިގެން ރޯދަހިފާމީހެއްނަމަ، ރޯދަހިފުން ވާނީ އެމީހަކަށް ވަރަށް ފަސޭހަކަމަކަށެވެ. އަދި ރޯދައިގެ ބުރައެއް އޭނާއަކަށް މާބޮޑަކަށް އިޙުސާސެއް ނުވާނެއެވެ. މިކަމުގެ ސަބަބުން ރަމަޟާން މަހުގެ އިތުރުން ސުންނަތް ރޯދަ ހިފުމަށް ވެސް އިތުރަށް ހިތްވަރު ލިބިގެން ދެއެވެ.
- ހާރުކެއުމަކީ ރަސޫލު އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ވަރަށް މަތިވެރި ސުންނަތެކެވެ. މިސުންނަތަށް ޢަމަލުކޮށް އެކަމުން ދަރުމަޔާއި ޘަވާބަށް އެދި، ރޯދައަށް ހުރުމުގެ ކުރިން ހާރުކައިފިނަމަ، އޭގެ ސަބަބުން އޭނާ އަށް ހެޔޮ ޖަޒާއާއި ޘަވާބު ލިބިގެންދާނެއެވެ.
- ހާރުކާން އެދޭމީހާ ރޭގަނޑުގެ ފަހުބައިގައި ތެދުވާނެއެވެ. ސަބަބަކީ ހާރުކާ ވަޤުތަކީ މިއީ ކަމަށްވާތީއެވެ. މިވަޤުތަކީ ދުޢާ އިޖާބަވެވޭ ވަޤުތެއްކަމުން، ހާރުކެއުމުގެ ކުޑަތަންކޮޅެއް ކުރިން ތެދުވެ، ނަމާދު ކުރުމާއި، ޛިކުރުކުރުމާއި ދުޢާކުރުމުގައި ވަޤުތުހޭދަކުރަން ހާރުކާމީހަކަށް ފުރުސަތު އެބައޮތެވެ. މިއީ ވެސް ހާރުކާން ތެދުވުމުން ލިބޭ ވަރަށް މުހިންމު ފައިދާއެކެވެ.
- ހާރުކެއުމަކީ އެބަޔަކާއި ތަފާތުވުމަށް އަހަރެމެންނަށް އަމުރުވެވިގެންވާ، އަހުލުކިތާބީންނާ ތަފާތުވެވޭ ކަމެއްކަން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم)
މާނަ: “އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ”
- ހާރުކެއުމުން ލިބޭ އަނެއް ބޮޑު ފައިދާއަކީ ފަތިސްނަމާދުގެ ޖަމާޢަތަށް ޙާޟިރުވެ ޖަމާޢަތުގައި ފަތިސްނަމާދު ވެވުމެވެ.

