ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް، މާލެ ސިޓީގެ ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް، އެ ތަންތަން ބޭނުންކުރަން ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީގައި 800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތްތައް ރަމަޟާން މަހުގެ ކުރިން އޭސީ ކުރުމަށް ރައީސް އިޢުލާން ކުރެއްވި މަޝްރޫޢުގެ ދަށުން، ހަތަރު މިސްކިތެއްގެ މަސައްކަތް ނިންމައި ރެއިން ފެށިގެން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އޭސީ ކުރެވުނު މިސްކިތްތައް
މި މަޝްރޫޢުގެ ދަށުން އޭސީ ކުރެވުނު މިސްކިތްތަކަކީ:
1. ފުރުޤާން މިސްކިތް
2. ޖަލާލުއްދީން މިސްކިތް
3. ވިޔަފާރިވެރިންގެ މިސްކިތް
4. ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތް
މި މިސްކިތްތަކުގެ ނަމާދު ކުރާ މައި ހޯލުގެ އިތުރުން، އަންހެނުން ނަމާދު ކުރާ ބައިވެސް މިހާރު ވަނީ އޭސީ ކުރެވިފައެވެ. މިއީ މި މިސްކިތްތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު މި މަޝްރޫޢާ ގުޅޭގޮތުން ފުރަތަމަ ވާހަކަފުޅު ދެއްކެވީ ނޮވެމްބަރު 17، 2024 ގައި ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ. އޭގެ ފަހުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވަނީ، “މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައިގައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކުރެވޭނެ” ކަމަށެވެ.
ސަރުކާރުން މި މަސައްކަތް ނިންމާލާފައިވަނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ.

