މީހަކު މަރާލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިންކަމުގެ ތުހުމަތުގައި މިއަދު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލާގައި ހައްޔަރު ކުރީ އަހްމަދު ފައިރިޝް، ނޫވިލްގެ/ހއ. ހޯރަފުށިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފައިރިޝްއަކީ ކުށުގެ ރިކޯޑް އޮންނަ މީހެއްކަން ފާހަގަކުރެވެއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އިންޒާރު ދިނުމާއި، މީހުންނަށް އަނިޔާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

