ތަޤުވާވެރިންނަކީ ކޮބާ؟
ސޫރަތުލް ބަޤަރާގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ (2﴾ “މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.” މި އާޔަތުގެ މާނައިން އޮޅުމެއް ނެތްގޮތުގައި އެނގި ސާފުވެގެންދަނީ ކީރިތި ޤުރުއާނަކީ ތަޤުވާވެރިންނަށް ނުވަތަ މުއުމިނު އަޅުތަކުންނަށް ހުރި ހިދާޔަތެއްކަމެވެ. ތެދުމަގެއްކަމެވެ. މާތް ﷲ ގެ މަގުގައި ހެޔޮޢަމަލު ކުރުން މަތީ ދެމި ހުރި މީހުނަށް ލިބިގެންވާ ނޫރެއްކަމެވެ.
ފަޟީލަތުއްޝައިޚް އަބޫބަކުރު އިބުރާހިމް ޢަލީ ލިޔުއްވާފައިވާ ޤުރުއާނުލްކަރީމުގެ މާނައިގެ ދިވެހި ތަރުޖަމާގައި ބަޔާންކޮށްފައިވާ ގޮތުން ތަޤުވާގެ މާނައަކީ ބިރުވެތި ވުމެވެ. ﷲ ގެ ކޯފާއާއި އަޒާބަށް ބިރުގަތުމެވެ. ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުން ނެރުއްވައިފައިވާ އިސްލާމީ ތަރުބިއްޔަތު ގްރޭޑް 8 ގެ ފޮތުގައިވާގޮތުން ތަޤުވާވެރިވުމަކީ މާތްﷲ އަށް ބިރުވެތިވުމާއެކު ވެވޭ ކިޔަމަންތެރިވުމެކެވެ. އެހެންކަމަށް ވާނަމަ ތަޤުވާވެރިން ވެގެންދާނީ މާތް ﷲ އެންގެވި އެންމެހައި ކަންތައްތައް އިޚުލާސްތެރިކަމާއެކު ފުރިހަމައަށް އަދާކުރުމާއެކު އެކަލާންގެ ނަހީކުރެއްވި ހުރިހާ ކަމަކުން ދުރުވެގެންވާ ބަޔަކަށެވެ. އެއީ ޝައްކެއް ނެތް ގޮތުގައި މުއުމިނުންގެ ސިފަތަކެވެ. އެ މާތް ސިފަތައް މާތްﷲ ދެއްވައިފައިވާ ބަޔަކީ މުއުމިނު އަޅުތަކުންނެވެ. އެބައި މީހުންނަކީ މާތްﷲ އަށް ހުރިހާ ގޮތަކުން ވެސް އީމާންތެރިކަން އަދާކުރާ މީހުންނެވެ. އެއީ ކީރިތި ޤުރުއާން އެ މީހުނަށް ދެއްކި މަގެވެ. އެ ފޮތުގައި އަންގަވައިފައިވާ ގޮތެވެ.
ތަޤުވާވެރިން ގެ ސިފަތައް
ތަޤުވާވެރިންނަކީ އެމީހުންގެ ޢަމަލުތަކުގައި އިސްލާމީ ރިވެތި ސިފަތައް ހަރުލައިފައިވާ ބައެކެވެ. މާތްﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމާއެކު ހުރިހާ ވަގުތެއްގައި ވެސް އެކަލާންގެ އަންގަވައިފައިވާ ގޮތަށް އުޅުން ބަހައްޓާ މީހުންނެވެ. ސޫރަތުލްބަޤަރާގެ 3 ވަނައާޔަތުން 5 ވަނަ އާޔާތާ ހަމައަށް މާތްﷲ ވަހީކުރައްވާފައިވަނީ މި ވާހަކަ ތަކެވެ. لَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿3﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿4﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿5﴾ “އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ.”
އިސްވެ ބަޔާންވެދިއަ އާޔަތްތަކުގެ މާނައާމެދު ފުންކޮށް ވިސްނައިލުމުން ވަރަށްގިނަ ޙަޤީޤަތްތައް ހާމަވެގެންދެއެވެ. އެ ހަޤީޤަތަކީ ތަޤުވާވެރިން ވެގެންވަނީ ކީރިތި ޤުރުއާނާއި ރަސޫލުﷲ صلى الله عليه وسلم ޙަދީޘުން ސާބިތުވެގެންވާ غيب އަށް ފުރިހަމައަށް ތަބާވެގެންވާ ބަޔެއްކަމުގައެވެ. އަދި ޤުރުއާނާއި ރަސޫލުﷲ صلى الله عليه وسلم ގެންނެވި އެންމެހައި ކަންކަން ތެދުކޮށް ކަށަވަރުކުރާ ބަޔެއްކަމުގައެވެ. އެ ގޮތުން މާތް ﷲ އަށް އަޅުކަން ގާއިމުކުރުމުގެ ގޮތުން އިސްމާލްދީނުގައި އެންމެ އިސްކަން ދީފައިވާ ފަރުޟު ފަސްނަމާދު އެ ނަމާދެއްގެ ވަގުތުގައި އެންމެ ފުރިހަމައަށް އަދާކުރުމާއެކު، ﷲ ދެއްވި މުދަލުން އެކަލާންގެ މަގުގައި ހެޔޮގޮތުގައި ހޭދަކޮށް ޒަކާތްދިނުމުގައި ދެމިތިބޭ މީހުންނަށް ވާކަމެވެ. ހަމައެއާއެކު އާޚިރަތް ދުވަހަކީ ނައިސް ނުދާނެ ދުވަހެއްކަމާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އެދުވަހުގެ އެންމެހައި ކަންކަމާމެދު އެއްވެސް ޝައްކުކަމެއް ނެތި ޤަބޫލުކުރުމާއެކު މަލާއިކަތުންނާއި، މަލާއިކަތުންގެ ސިފަތަކާއި، މަސައްކަތްޕުޅު ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް އެއީ ﷲ ތަޢާލާ ލައްވާފައިވާ ބައެއްކަން ޤަބޫލުކުރުމުގައި ދެމިތިބޭނެ ބައެއްކަމެވެ. މީގެ އިތުރުން މާތްﷲ އެކަލާންގެ ޙައްޤުދީނައިގެން ފޮނުއްވެވި ރަސޫލު ބޭކަލުންނަށް ފޮތް ބާވާލެއްވިކަމާއި، ކީރިތި ޤުރުއާނަކީ އެންމެ މާތް، އަދި އެންމެހައި އިންސާނުން އުޅެންވީ ހުރިހާގޮތެއް އެންމެ ފުރިހަމައަށް ބަޔާންކޮށް ދެއްވާފައިވާ ފޮތްކަމަށް އެއްވެސް ޝައްކެއްނެތި އީމާންވުމަކީވެސް ތަޤުވާވެރިންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމެވެ.
އެހެންކަމުން މިއީ މާތްﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މުޢުމިނު އަޅުތަކުންނަށް ލިބިގެންވާ ސިފަތައްކަން ސާފުކޮށް އެނގެއެވެ. އަދި އެބައިމީހުން ވެގެންވަނީ އާޚިރަތްދުވަސް އަންނާނެ ކަމާމެދު ޝައްކު އުފެއްދުމުގައި ނޫންކަމާއި، އެއީ އަންނާނެ ދުވަހެއްކަން ޔަޤީންކުރާ ބައެއް ކަމުގައެވެ. މިއީ އިންސާނުން މި ބިމުގައި ޚަލީފާއިންގެ ގޮތުގައި މާތްﷲ ލެއްވި މަޤުޞަދު ޙާސިލްކުރުންމަތީ އެކަލާންގެއަށް އަޅުވެތިވާ މީހުންނެވެ.
ތަޤުވާވެރިންގެ ސިފަތަކާއި ބެހޭގޮތުން އަލްޙަސަނުލް ބަޞްރީ ވިދާޅުވެފައި ވެއެވެ. ” ތަޤުވާވެރިން ދެނެގަނެވޭނެ ޢަލާމާތްތަކެއް ވެއެވެ. އެމީހުން ތެދުބުނާނެއެވެ. އެމީހުން ވަޢުދަށް ވަފާތެރިވާނެ އެވެ. އެމީހުން ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާނެ އެވެ. އެމީހުން ނިކަމެތީންނަށް އޯގާވެރިވާނެ އެވެ. އެމީހުން އެހެންމީހުންނަށް އެމީހުންގެ ހައިބަތު ދައްކާކަށް ނޫޅޭނެ އެވެ. އެމީހުން ޚުލްޤުހެޔޮވާނެ އެވެ. އެމީހުން މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާނެ އެވެ.”
އެހެންކަމުން ސޫރަތުލް ބަޤަރާގެ 3 ވަނަ އާޔަތާއި 5 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައިވާ ތަޤުވާވެރިންނަކީ މުޢުމިނުންގެ ހުރިހާ ރަނގަޅު ސިފަތަކުން ފުރިހަމަކަން ލިބިފައިވާ ބައެކެވެ. މިފަދަ މީހުންގެ މިސާލުތައް އިސްލާމީ ތާރީޚުންވެސް ފެންނަށް އެބަހުއްޓެވެ. ސަހާބީންނާއި ތާބީއީންގެ ތެރޭގައި ގަދަރުއުފުލި، މަތިވެރިވެފައިވާ، ބޭފުޅުން، އެމަޤާމުތައް ހާސިލްކޮށްފައިވަނީ ތަޤުވާގެ ސަބަބުންނެވެ. އެމީހުންނަކީ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް މާތްﷲ އަށް ފުރިހަމައަށް އީމާންވެ، ޣައިބުގައި މާތްﷲ ލައްވާފައިވާ އެންމެ ތަކެއްޗާއި ތަންތަނަކީ ލައްވާފައިވާ ތައްޗާއި ތަންތަންކަން ފުރިހަމައަށް ޤަބޫކުރުންމަތީ ދެމިތިބި މުރުޝިދުންނެވެ. އަދި އެމީހުންނަށް އެކަލާންގެ ވަނީ އެއީ ކާމިޔާބު ހޯދާފައިވާ މީހުންކަން ކަށަވަރުކޮށް ދެއްވާފައެވެ.
ތަޤުވާވެރިވުމުގެ ފައިދާ
ތަޤުވާއަކީ ކޮންމެ މީހެއްގެވެސް ހިތުގައި ބިންވަޅު ނެގިފައިވާ މުހިންމު ކަމަކަށް ވާންޖެހެއެވެ. ސަބަބަކީ މާތް ﷲ ގެ ޙަޟުރަތުގައި ކޮންމެ މީހަކީވެސް ސުވާލުވެވޭނެ މީހަކަށް ވާކަމެވެ. ތަޤުވާގެ ރޭހުގައި ފަސްދީ ގެއްލިގެންދާ މީހުންނާއި މި ރޭހުން ކާމިޔާބު ޙާސިލްކުރާ މީހުންގެ ތަފާތު ވަރަށް ބޮޑެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން ބޭނުންނަމަ އެމީހެއްގެ ތަޤުވާވެރިކަން އިތުރުކުރަންޖެހެއެވެ. ކީރިތި ޤުރުއާންގައި މާތް ﷲ ވަހީކުރައްވާފައިވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފުސެއްމެ މާދަމާއަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލާފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (سورة الحشر18)
މިއާޔަތުގެ މާނައިން އެނގިގެންދާ ގޮތުގައި އާޚިރަތް ކާމިޔާބުކޮށް، ސުވަރުގެ ވަންތަ ވެރިއަކަށް ވުމަށްޓަކައި ތަޤުވާވެރިއަކަށް ވާންޖެހެއެވެ. ސޫރަތުލް ބަޤަރާގެ ފުރަތަމަ ފަސްއާޔަތުން އެނގިގެންދާގޮތުގައި ތަޤުވާވެރިއެއްނަމަ، އެމީހެއްގެ ގައިގައި މި ސިފަތައް ހުންނާނެއެވެ. ދުނިޔެއާއި އާޚިރަތުގެ ފުރިހަމަ އުފަލާއި އަރާމު ލިބިގެންދާނީ އޭރުންނެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އެކަން ސާބިތުކޮށް ދެއްވުމުގެ ގޮތުންވަނީ މީސްތަކުންނަށް ވިސްނޭނެފަދަ ގޮތަކަށް ވަރަށް ފުރިހަމަ ބަލާޣާތްތެރި މިސާލެއް ގެންނަވާފައެވެ. ” ފަހެ، ހެޔޮކަންބޮޑީ، ﷲ އަށް تقوى ވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: نفاق ކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެ ބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.”(ސޫރަތުއް ތަޢުބާގެ 109)
މި އާޔަތުން ދޭހަވެގެންދާ ކަންތައްތައް ވަރަށް ގިނައެވެ. މީހެއްގެ ދިރިއުޅުމުގެ މުޅި އަސާސް ބިނާވެފައިވާ މައިގަނޑު މަސްދަރަކީ ތަޤުވާކަން އެނގިގެންދެއެވެ. އެއީ އާޚިރަތުގެ ގޮވަތިން ޖާގަހޯދުމަށް ލިބިފައިވާ ފުރުޞަތުކަންވެސް އެނގިގެންދެއެވެ. އަދި އެނޫން މީހުންނަކީ ނިފާޤުގެ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައިވާ ބައެއްކަންވެސް ވަރަށް ސާފުކޮށް އެނގި ހާމަވެގެން ދެއެވެ.
އެހެންކަމުން ތަޤުވާވެރިންނަކީ ކާމިޔާބު ލިބިގެންފި މީހުންކަން ކަށަވަރެވެ. ދިންނަވާ ހެޔޮ ނަސީބުގެ އަހުލު ވެރިންނަކީވެސް ތަޤުވާވެރިންނެވެ. ދާއިމީ ރަޚުމަތާއި ސަލާމަތްކަން ލިބިގެންވަނީވެސް ހަމަ ތަޤުވާވެރިންނަށެވެ. އެކަން އިތުރަށް ދަލީލުކޮށްދެނީ މާތް ﷲ އެކަލާންގެ ކަލާންފުޅުގައި ބަޔާންކުރައްވާފައިވާ މިބަސްފުޅުންނެވެ. “އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.” (ސޫރަތުލް އާލްޢިމްރާން 133)
މިއިން އެނގިގެންދަނީ ތަޤުވާއަކީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން އެއާ ގުޅިފައިވާ ކަމެއްކަމެވެ. “މާތް ﷲ ގެ އިލާހީ ދުސްތޫރު ކީރިތިޤުރުއާނުގައި ތަޤުވާވެރިވުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން ތަޤުވާ އާއި ތަޤުވާގެ މާނަ ހިމެނޭގޮތުގައި 151 ފަހަރު މި ސިފަ ގެންނަވާފައިވެއެވެ.” ވީމާ ތަޤުވާވެރިން ނުވަތަ ފުރިހަމަ މުޢުމިނުންނަށް ﷲ ގެ ޙަޟުރަތުގައި ލިބިގެންދާ މަޤާމާއި މަތިވެރި ދަރުމަ ކިތަންމެ ރަނގަޅަކަށްވެސް ފާޅުވެގެން ދެއެވެ. އެއީ އަބަދަށް ދެމިގެންދާ ސުވަރުގެއެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކުގެ ހަޤީގީ އަހުލުވެރިންނަކީ ތަޤުވާވެރިންނެވެ. މުއުމިނު ތަކުންނެވެ. ސޫރަތުލް ޒާރިޔާގެ 15 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ” ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.” އަދިވެސް ތަޤުވާވެރިންނަށް ދެއްވާފައިވާ ގިނަގުނަ ނިޔުމަތްތައް ބަޔާންކުރައްވައި ސޫރަތުއް ރަޢުދުގެ 35 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ ” تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ.”
މި ނިޢުމަތްތައް ހޯދުމަށް ބާރުއަޅުއްވައި މާތްނަބިއްޔާ ރަސޫލުﷲ صلى الله عليه وسلم ހަދީޘް ކުރައްވާފައިވަނީ “ތިބާވީ ކޮންމެތަނެއްގައި މާތްﷲ އަށް ތަޤުވާވެރިވާށެވެ.” އެހެންކަމުން ތަޤުވާވެރިވުމަކީ އާޚިރަތުގެ ގޮވަތިން ޖާގަހޯދުމަށް އޮންނަ ފުރުސަތުގެ މަސައްކަތެވެ. އެކަން ޙާސިލްކުރެވިގެންދާ މީހުންނަކީ ބާއްޖަވެރިންކަން ކަށަވަރެވެ.
(ލިޔުންތެރިންގެ ގުޅުން. / ލިޔުއްވާފައިވަނީ: ހަސަން ޒަވީން)

