މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.
މިރޭގެ ފޯރަމްގެ މަޢުޟޫއަކީ “ރަމަޟާން މަހުގެ މަތިވެރިކަން” މިއެވެ. މި ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މިއީ ރަމަޟާން މަހުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާގެ ފެށުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް ބާއްވާނެއެވެ. މީގެތެރެއިން 8 ބައްދަލުވުން މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މާލޭގެ ފޯރަމްތައް މިރެއިން ފެށިގެން މިއަންނަ މާރިޗު މަހުގެ 15އާ ހަމައަށް ކުރިޔަށްދާނެއެވެ. މި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރޭއާއި ހުކުރު ވިލޭރޭގައެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ 10 ރަށެއްގައިވެސް އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ތ. ދިޔަމިގިލި، ތިނަދޫ ސިޓީ، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައި މި ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އިޙްޔާ ފޯރަމްތަކަކީ ތަފާތު އެކި މަޢުޟޫތަކަށް ދަރުސްދީ، އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދާ ފޯރަމުތަކެކެވެ. ވުޒާރާއިން ވިދާޅުވީ މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. ފޯރަމުގެ ތެރެއިން ދީނީ ފޮތްތައް ހަދިޔާކުރުމާއި ތަފާތު އިނާމުތައް ދިނުންވެސް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، މިއަހަރު މީސްމީޑިއާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުވައްސަސާތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

