މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހާއްސަ ރޯދަ މާރުކޭޓެއް އިއްޔެ ހުޅުވައިފިއެވެ. މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ތަރައްގީކޮށްފައިވާ މާރުކޭޓެކެވެ.
މި މާރުކޭޓު ގާއިމްކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު އަށަކާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދުގައެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ސަރަހައްދަކަށް ވުމާއެކު، މާރުކޭޓުގެ ސަބަބުން އާންމުންނަށް ބޭނުންވާ ތަކެތި ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަލަށް ހުޅުވުނު މި މާރުކޭޓުން ރަމަޟާން މަހަށް ބޭނުންވާ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި މަހުގެ ބާވަތްތަކާއި، ތަރުކާރީ އާއި މޭވާގެ އިތުރުން ދިވެހި އުފެއްދުންތަކާއި އެކި ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބެން ހުންނަ، ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމެވެ. މިގޮތުން ރަމަޟާން މަހަކީ ގިނަ އަދަދެއްގެ ކާބޯތަކެތި ބޭނުންވާ މަހަކަށް ވާތީ، ދެވަނަ ފިޔަވަހީގެ ރައްޔިތުން ތަކެތި ގަތުމަށް ދުރު ސަރަހައްދުތަކަށް ދާންޖެހޭ ދިއުން މި މާރުކޭޓާއެކު މަދުވެގެންދާނެއެވެ.

