ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި، އެ ޕާޓީގެ ލީޑަރުގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މަގުމަތިން ބައްދަލުވި ގިނަ ޢަދަދެއްގެ ރައްޔިތުންނާ ވެސް އެމަނިކުފާނު ވަނީ ސަލާމްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމެޓީއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވެސް ރައީސްގެ އަރިހުގައި ކެންޕޭން ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއީ ކުރިއަށް އޮތް އިންތިޚާބަށް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށާއި، ރައްޔިތުންގެ ޝުޢޫރުތައް ގާތުން ބެއްލެވުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

