ބައެއް ގްރޫޕްތަކުގެ ލޭ ލިބުމުގެ ދަތިކަން އަދިވެސް ހުރުމާއެކު، ކުރިއަށް އޮތް ރަމަޟާން މަހުވެސް ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އާންމުންގެ ކިބައިން އިލްތިމާސްކޮށްފިއެވެ. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް އެކި މުއައްސަސާތަކުން ބްލަޑް ކޭމްޕްތައް ބޭއްވި ނަމަވެސް، ބައެއް ގްރޫޕްތަކުގެ ލޭ އަދިވެސް ހުރީ ވަރަށް މަދު މިންވަރެއްގައެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ހާމަކުރި ގޮތުގައި މިހާރުވެސް އެންމެ ބޮޑަށް ދަތިވެފައިވަނީ ބީ- ނެގަޓިވް، އޭ- ނެގަޓިވް އަދި އޭބީ ނެގަޓިވް ލޭގެ ގްރޫޕްތަކަށެވެ. މިކަމާ ގުޅިގެން އެމްބީއެސްގެ ޑިރެކްޓަރ ޖެނަރަލް އަހްމީމް ފާރިޝް ވިދާޅުވީ، ނިމިދިޔަ ފެބްރުއަރީ މަހުގެ 1 އިން 17 އަށް 19 ބްލަޑް ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ކޭމްޕްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ރަމަޟާން މަހުގެ ތެރޭގައި ލޭ ލިބުމަށް އިތުރު ދަތިތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވަމުން ފާރިޝް ވިދާޅުވީ، “ރޯދަމަސް ތެރޭ ދަތިވާނެ. ދުވާލު ރޯދަ ހުރުމާއެކު، ރޭގަނޑު އަޅުކަމުގައި އަވަދިނެތި އުޅުމުގެ ސަބަބުން ލޭ ހަދިޔާ ކުރާނެ ފަރާތް މަދުވުމުގެ ސަބަބުން ދަތިވާކަމަށް ފާހަގަކުރެވެނީ. އެހެންކަމުން ރޯދަ މަހު ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވަނީ.” އެވެ.
ރަމަޟާން މަހު ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެމްބީއެސް އަދި އައިޖީއެމްއެޗް މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހެނދުނު 09:00 އިން 11:30 އަށް އަދި ރޭގަނޑު 20:00 އިން ދަންވަރު 01:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެއެވެ. ލޭ ހަދިޔާކުރަން ދިއުމުގެ ކުރިން އެމްބީއެސްގެ ލެބް ހޮޓްލައިން 9890991 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށްވެސް އެ އިދާރާއިން އެދެއެވެ.
މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ޚާއްސަކޮށް ލޭ ހަދިޔާކުރާނަމަ އެކަން މަރުކަޒުގެ މުވައްޒަފުންނަށް އެންގުމަށް އެމްބީއެސްއިން އިލްތިމާސްކުރެއެވެ. އަދި ލޭ ހަދިޔާކުރުމުގެ ކަންކަން ލުއިފަސޭހަކުރުމުގެ ގޮތުން ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތްވެސް އެ މުއައްސަސާއިން މިހާރު ދަނީ ކުރަމުންނެވެ.

