ރޯދަމަހުގެ ދުވާލުގެ ވަގުތުގައި މަގުމަތީގައި ކެއި ދެ ދިވެހި ފިރިހެނަކު ފުލުހުންގެ ބަލީގެ ދަށަށް ގެންގޮސް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ދެ މީހުންނަކީ ވެސް މީގެ ކުރިން ބަންދު ރެކޯޑް އޮންނަ ދެ މީހުންކަން ކޯޓު އަމުރުތަކުން އެނގެއެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، 25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރޯދަ މަހު ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިގެންނެވެ. އެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ. ދެން ހައްޔަރުކުރި 41 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، ރޯދަމަހުގެ ދުވާލު ވަގުތުތަކުގައި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރާކަން ފާހަގަކުރެވެއެވެ.

