ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރަމަޟާން މަހުގެ ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތެއްގައި ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލަން ޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި "ރަމަޟާން މަހުގެ މަތިވެރިކަން" މި މައުޟޫއަށް ތަޤްރީރު ކުރައްވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މާތް މައްސަރުކަމާއި، ލައިލަތުލްޤަދުރި ވިލޭރޭ ފަދަ މަތިވެރި ވަގުތުތައް އެކުލެވިގެންވާ މަހެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ދުޢާގެ މޫސުން ކަމަށްވާތީ، ﷲ އާ އޮންނަ ގުޅުން ބަދަހިކޮށް، ދުވާލާއި ރޭގަނޑުގެ ވަގުތުތައް ހެޔޮ ގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަށް ނަޞޭހަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުން ރޯދައިގެ އަޅުކަމުގައި ދަތުރުވެރިންނާއި، ބަލިމީހުންނާއި، މާބަނޑު މީހުންނަށް ދީނުގައި ދެއްވާފައިވާ ލުއިފަސޭހަތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.
"ރޯދައަކީ ދަތި އުނދަގޫ އަޅުކަމެއް ނޫންނަކަން. ރޯދަ ފަރުޟު ކުރައްވާފައިވަނީ ހެޔޮ ހާލުގައި ހާޒިރުވެ ރަށުގައި ހުރި މީހަކަށް، ދަތުރުވެރިޔާއަށް ލުއިފަސެހަކޮށްދެއްވާފައިވޭ. ފަހުން ގަޟާކުރާ ގޮތަށް މާބަނޑުމީހާއަށްވެސް ރޯދަ ފަހުން ގަޟާ ކުރާ މަތިން ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ދެއްވާފައިވޭ ކިރުމަޔަށްވެސް ރޯދަ ފަހުން ހިފާގޮތަށް ދޫކޮށްލުމުގެ އިޚުތިޔާރު ދިފައިވޭ. ވަރަށް ގިނަ ލުއިތައް ލައްވާފައިވޭ،" ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު
ރަމަޟާން މަހުގެ ޙުރުމަތް ހިފެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފަތުރުވެރިކަން ކުރިއަށްދާ ރަށްރަށުގައި ދުވާލު ގަޑީގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ފަތުރުވެރިންނަށް ކާންދިނުން ހުއްޓާލުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދޭންވާނީ އެމީހުން ތިބޭ ތަންތަނުގައި ޚާއްސަ އިންތިޒާމެއްގެ ދަށުން ކަމަށާއި، މިކަމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ކައުންސިލްތަކަށް ގޮވާލެއްވިއެވެ.
ދީނީ ކަންކަމުގެ ހައިބަތާއި ޤަދަރު ކުޑވާ ފަދަ ކަންކަން ކުރުމުން އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ދީނަށް އޮންނަ ލޯބި ކުޑަވެދާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. އަދި ފަހަކަށް އައިސް ހުކުރު ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމާއި، ކުޅިވަރުގެ މައިދާންތަކުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަން އިތުރުވަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ގޮތަށް އުޅުން ބައްޓަންކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ.

