ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ ތަޤުވާވެރިވުން ކަމަށާއި، ރޯދައަށް ތިބޭއިރު ތަޤުވާވެރިކަންމަތީ ދެމިތިބުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
“ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު” މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ތަޤުވާވެރިކަމާއި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށް ބޮޑަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބުނީ، މައްސަރުތަކުގެ ތެރެއިން ރަމަޟާންމަހަކީ މާތް ﷲ އެތައް ގޮތަކުން މަތިވެރިކުރައްވާފައިވާ މައްސަރެއް ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި، ރޯދައިގެ މަތިވެރި އަޅުކަން ފަރުޟުކުރައްވާފައިވުން ހިމެނޭކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވާނެކަމުގެ އުފާވެރި ޚަބަރު ވެސް ވަނީ ދީފައެވެ.
ތައުބާވުމުގެ މާނައަށް އަލިއަޅުވާލަމުން ހުތުބާގައި ނަސޭހަތްތެރިވީ، ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފަތަކުން އެއްކިބާވެ، އެ ކަންކަމާ މެދު ދެރަވެ ހިތާމަކޮށް، އަލުން އެ ފާފައަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައެޅުމަށެވެ. އަދި އިޚުލާޞްތެރިކަމާއެކު ފާފަފުއްސެވުން އެދި ދުޢާކުރުމަށާއި، މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ކުރެވުނު ފާފައަކީ ކުޑަ ފާފައެއް ކަމުގައި ވިޔަސް ނުވަތަ ބޮޑު ފާފައެއް ކަމުގައި ވިޔަސް، އެ ކަމަކުން ތައުބާވުން ލާޒިމުކަމަށް ހުތުބާގައި ބުންޏެވެ.
މާތް ﷲގެ ވަޙީބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނީ، ﷲގެ ރަޙުމަތުން އުންމީދު ކަނޑައިނުލުމަށާއި، އެކަލާނގެއީ އެންމެހައި ފާފަތައް ފުއްސަވައިދެއްވާ ރަސްކަލާނގެ ކަމަށެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ހަޟްރަތުން އުންމީދު ކަނޑައިނުލާށެވެ!” މި އާޔަތުގެ މާނަ ވިދާޅުވެދެއްވަމުން، އެންމެހައި މީސްތަކުން މާތް ﷲގެ ހަޟްރަތަށް ރުޖޫޢަވެ ތައުބާވުމަށް ހުތުބާގައި ވަނީ ގޮވައިލާފައެވެ.
ތަޤުވާވެރިވުމަކީ މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުންކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށްޓަކައި ކަމަށެވެ. ރަމަޟާން މަހަކީ ހެޔޮކަންކަމުގެ މޫސުމަށް ވާއިރު، މި ފުރުޞަތުގެ ބޭނުން ހިފައި ތަޤުވާވެރިކަން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ބާރުއެޅިއެވެ.
މިއަދުގެ ހުކުރު ހުތުބާވެސް ނިންމާލާފައިވަނީ ކީރިތި ރަސޫލާ ﷺގެ މައްޗަށް ސޮލަވާތް ކިޔެވުމަށް ހަނދާންކޮށްދީ، އެކަލޭގެފާނުގެ މައްޗަށް ސޮލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ.

