ސަރުކާރުގެ އަޒުމަކީ ހުރިހާ ރައްޔިތުންނަށް ފާގަތި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ބައިނަލްއަގުވާމީ މުޖުތަމައާ އެކު ރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، ސޯޝަލް މީޑިއާގައިހިއްސާކުރައްވާފައިވާ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު އިޖުތިމާއީ އަދުލުވެރިކަމުގެ މާނައާ މެދު ފުންކޮށް ވިސްނާލަންޖެހޭ މުހިންމު ދުވަހެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ޖިއޮގްރަފިކަލް ގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތް އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް އަބުރުވެރި ދިރިއުޅުމެއް ޔަގީންކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.
“ކޮންމެ ދިވެހި ރައްޔިތަކަށްވެސް އުއްމީދުން ފުރިގެންވާ މުސްތަގުބަލެއް ހޯދައިދީ، ބާރުވެރި މީހަކަށް ހެދުމަށްޓަކައި، ތައުލީމާއި ހުނަރުތައް ތަރައްގީކުރުމަށް ސަރުކާރުން ދަނީ އިންވެސްޓް ކުރަމުން،” ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގައި އެކި ގޮންޖެހުންތަކާއި ތަފާތުތައް ހުރި ނަމަވެސް، ސަރުކާރުގެ އަޒުމަކީ ހުރިހާ ރައްޔިތުންނަށް ފާގަތި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުން ކަމަށް ވިދާޅުވެ ރައީސް ވަނީ މެސެޖު ނިންމަވާލައްވާފައެވެ.

