މާލެ ސިޓީގައި ދިރިއުޅޭ ދިވެހި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވީ އާދީއްތަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ.
އިމްތިޔާޒް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

