އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބަންދުކޮށްފައި އޮތް ޖުމްހޫރީ މައިދާން، މަސައްކަތުގެ 90 އިންސައްތަ ނިމުމާއެކު ވަގުތީގޮތުން އާންމުންނަށް ހުޅުވާލައިފިއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު މުޅިން ނިންމާލުން ލަސްވީ ފްލޯރިންއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ.
މި ސަރަޙައްދު މިހާރު ހުޅުވާލާފައިވަނީ ރޯދަމަހަކީ ގިނަ ބަޔަކު މި ސަރަޙައްދު ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަޤްޞަދުގައެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ދަށުން މައިދާނުގެ ކުރީގެ ކޮންކްރީޓް ތަޅުން ބަދަލުކޮށް، ހިނގާބިނގާވެ އުޅެން ފަސޭހަ ވޯކްވޭތަކާއި ރީތި ލޭންޑްސްކޭޕިންއެއް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން، ކުރިން ހުރި ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑީގެ ރީތި ފަރުމާތަކަށް ހަދާފައިވާ ބެންޗުތައް ވަނީ ބަހައްޓާފައެވެ. މީގެ ތެރޭގައި ހިޔާކޮށްފައިވާ ބެންޗުތައްވެސް ހިމެނެއެވެ. މާލޭގެ މަލަމަތީގެ ހައިބަތު ހިފަހެއްޓުމަށާއި، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށްޓަކައި ގަސް އިންދައި ފެހިކުރުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށްގެންދަމުންނެވެ.
ޖުމްހޫރީ މައިދާނަކީ ރަސްމީ އެކި ހަރަކާތްތައް ހިންގުމުގެ އިތުރުން، އާއިލާތަކާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤުބޫލު ސަރަޙައްދެކެވެ. މައިދާން ހުޅުވާލި ނަމަވެސް، ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ބަންދުކޮށްފައި ހުރުމާއެކު، އެކަމަށް ސަމާލުވުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ސަރުކާރުން ދަނީ މާލޭގެ ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ރަސްފަންނާއި ސަލްޓަން ޕާކުވެސް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މައިޒާންތަކެއް ފޯރުކޮށްދިނުމެވެ.

