ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު، 80 އިންސައްތައިގެ ބޮޑު އަގުލަބިއްޔަތަކުން ޕީއެންސީއަށް ކާމިޔާބު ވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ލޯންޗުކުރުމަށާއި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ޕީއެންސީއަކީ ދުވަހުން ދުވަހަށް ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ޕާޓީއެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިބި މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން ފާހަގަކުރައްވައި، އެއީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ޕީއެންސީން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. “ގައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާއާއި ނުލާ ކުރިއަށް ދިއުމަކީ ދަތި ކަމަކަށްވާނެ،” ވަޒީރު ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އަދާކުރައްވާ ދައުރަށް ވަޒީރު ތައުރީފު ކުރެއްވިއެވެ. މެޑަމް ސާޖިދާ ސިޔާސީ އަދި ގައުމީ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަކީ އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ލިބޭ ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އިންތިހާބަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެތަކެތި ރަށްތަކަށް ފޮނުވޭނެ ކަމަށެވެ. އަދި މިހާރުވެސް ކެމްޕޭނުގެ މަސައްކަތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބުގެ ނަތީޖާއާ މެދު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، “އަޅުގަނޑުމެންގެ ހިސާބު އަދިވެސް ދައްކަނީ 80 އިންސައްތައިން އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރެވޭތަން،” ކަމަށެވެ. މި ކާމިޔާބީގެ އަސްލަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި، ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްޕުޅު ކަމަށް ވަޒީރު ވިދާޅުވިއެވެ.

