މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މާލޭގެ އުތުރު ފަރާތުގެ މަގުތައް ތަރުތީބުކޮށް، ދަތުރުފަތުރަށް ލުއިފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް އަދި ދެވަނަ ފިޔަވަހީގައި ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަސައްކަތް ނިންމައި، މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
މަގުހެދުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ ވިދާޅުވީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްޤީކުރުމުގެ ގޮތުން ޝީޓްޕައިލްކުރުމުގެ މަސައްކަތް މި ހިނގާ ރަމަޟާންމަސްތެރޭ ފެށިގެންދާނެ ކަމަށެވެ. “އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް ކުރުމަށް ޝީޓްޕައިލްކުރުމާއި އެ މަސައްކަތް ފެށިގެންދާނެ. ރަމަޟާންމަސްތެރޭ ޝީޓްޕައިލްކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ. އޭޕްރިލް މޭއި ހިސާބަށް ދާންވާއިރަށް މުޅި މަގު ނިންމާލެވޭނެ މިހާރު ޝެޑިއުލްކުރެވިފަ އިންގޮތުން،” ސަޢުދީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 600 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ނިމުމާއެކު، އެ މަގަކީ ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ޒަމާނީ މަގަކަށް ވެގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

