މާލެއިން ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާނާ، އިބްރާހިމް އިމްތިޔާޒް އަލީ ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އޭނާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އުމުރުން 30 އަހަރުގެ އިބްރާހިމް އިމްތިޔާޒް އަލީ ގެއްލިގެން ހޯދަމުންދާކަން ފުލުހުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ފުލުހުންގެ ކަމާގުޅުންހުރި ބަހާތަކުން ދަނީ ކުރަމުންނެވެ.
އިމްތިޔާޒް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ފުލުހުން ވަނީ އިމްތިޔާޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

