އައްޑޫ ސިޓީ ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީލަންކާގެ ރައްޔިތަކު މިއަދު އިސްލާމްދީން ގަބޫލުކޮށްފިއެވެ. މިއަދުގެ އަސްރު ނަމާދަށް ފަހު ފޭދޫ ބޮޑު މިސްކިތުގައި އިސްލާމްވީ، އެ ރަށުގައި ހިންގާ “ނަޔާ ސެލޫން” ގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހަ އަރަޗިގެ ވަރްނަ ޕްރަބަތު ސަދަރުވަން އެވެ.
އޭނާ އިސްލާމްވުމާ ގުޅިގެން މިހާރު ވަނީ އޭނާގެ ނަން ޢަބްދުﷲ އާދަމް ގެ ނަމަށް ބަދަލުކޮށްފައެވެ. ޢަބްދުﷲ އާދަމްއަށް ޝަހާދަތުގެ ދެކަލިމަ ލައިދެއްވީ ފޭދޫ ބޮޑު މިސްކިތުގެ އިމާމު ޝައިޚް އަހްމަދު ރިމާޒެވެ.
އައްޑޫ ސިޓީގެ ޖަމިއްޔާއެއް ކަމަށްވާ މިސްޚަތު ޖަމިއްޔާއިން މީސްމީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި ޢަބްދުﷲ އާދަމް އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔާ މަންޒަރު ފެނިގެންދެއެވެ. މީގެ ތިން ގަޑިއިރު ކުރިން އާންމުކުރި މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެތައް ހާސް ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔައި، ދީނުގެ މަތީގައި ސާބިތުވެ ހުރުމަށް އެދި ދުއާ ކުރަމުންނެވެ.
އައްޑޫ ސިޓީގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މީގެ ކުރިންވެސް ބައެއް މީހުން ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މެއި މަހު ފޭދޫ ގަރާޖެއްގައި މަސައްކަތް ކުރަމުން ދިޔަ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މަހޭޝް ވެސް ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ.

