މާލޭގެ ސުނާމީ ބިނާ ސަރަޙައްދުގައި ކުޑަކުއްޖަކަށް އަނިޔާކޮށް، އެ ކުއްޖާ ހިފެހެއްޓި މައްސަލައެއްގައި ދައުވާ ލިބޭ މީހަކު 8 މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މި މައްސަލައިގައި ކޯޓުން ޙުކުމްކޮށްފައިވަނީ ވ. ރަކީދޫ، ވިލާޑީލައިޓް، އިބްރާހީމް ނާއިލްގެ މައްޗަށެވެ.
ނާއިލްގެ މައްޗަށް މި ޙުކުމް އައީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ސުނާމީ ބިނާ ސަރަޙައްދުގައި ހުރި ކުޑަކުއްޖަކު އެ ތަނުން ނުދެވޭ ގޮތަށް ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކުރި މައްސަލައިގައެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދެ ދަޢުވާއެއް އުފުލާފައިވެއެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރުހުމެއް ނެތި އެކަށީގެންވާ މުއްދަތަށް މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި ނާއިލް ވަނީ އޭނާގެ މައްޗަށް ކުރި ދެ ދަޢުވާއަށް އިޢުތިރާފުވެފައެވެ. އަދި އޭނާ ވަނީ ދައުލަތާއެކު އިޢުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ މި އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އިއްވާފައިވާ ޙުކުމެކެވެ.
ކޯޓުގެ ޙުކުމުގައިވާ ގޮތުން، އަނިޔާއެއް ދިނުމުގެ ކުށަށް އޭނާގެ މައްޗަށް 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި މީހެއްގެ ނުރުހުމުގައި ހިފެހެއްޓުމުގެ ކުށަށް 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އެހެންކަމުން މި ދެ ކުށަށް އައި ޖުމްލަ ޙުކުމަކީ 8 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ.
ނަމަވެސް، މި މައްސަލައިގެ ތަހުގީގު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް ޙުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ. އެ ދުވަސްތައް އުނިކުރުމަށްފަހު، ނާއިލް މިހާރު ތަންފީޒު ކުރަން ޖެހެނީ 6 މަހާއި 1 ދުވަހުގެ ޖަލު ޙުކުމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

