ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން އަބްދުލްއަޒީޒް އާލް-ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ ޕްރޮގްރާމް މި އަހަރުވެސް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާތްތަކުންފުޅު ޔަޙްޔާ ބިން ހަސަން އަލް ގަހްތާނީއެވެ.
މި ޕްރޮގްރާމަކީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ގިނަ ބަޔަކަށް ރޯދަވީއްލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ޒަމާންވީ އިސްލާމީ އުޚުއްވަތްތެރިކަމާއި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.
ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ ޕްރޮގްރާމްގެ ދަށުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯދަވީއްލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ. މީގެ ތެރޭގައި މިސްކިތްތަކާއި އެހެނިހެން އާންމު ތަންތަނުގައި ބާއްވާ ރޯދަވީއްލުންތައް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ސައުދީގެ ރަސްގެފާނުގެ އެހީގައި ކޮންމެ ދުވަހަކުވެސް 150 މީހުންނަށް ރޯދަ ވީއްލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

