ކާހިނުން ގާތަށްގޮސް ކަންކަން އޮޅުންފިލުވާ ހެދުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ބޮޑުވެގެންވާ ނުބައިކަމެކެވެ.
އެކަންކުރާމީހުންގެ ޙުކުމް ބަޔާން ކުރައްވާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ: “ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހުންކުރެ ކަމަކަށް އެދި ސުވާލުކޮށްފިމީހާގެ ނަމާދު ސާޅީސްރޭ ވަންދެން ގަބޫލު ނުކުރައްވާނެއެވެ”.
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ: “ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހަކު ދައްކާވާހަކަ ގަބޫލުކޮށްފި މީހާ މުޙަންމަދުގެފާނުގެ މައްޗަށް ބާވާލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ”.
މިފަދަ މީހުންގެ ވާހަކަ ތައް ގަބޫލު ނުކުރުމަށް އަންގަވާފައިވާ ސަބަބަކީ އެބައިމީހުންނަކީ ޖިންނީންނަށް އަޅުކަން ކުރާ، ޖިންނީންގެ ފަރާތުން މަޢުލޫމާތު ހޯދާ ބަޔަކަށްވާތީވެއެވެ. އެމީހުން ނަމާދުކޮށް ގުރްއާން ކިޔަވާ އުޅެނީ މީސްތަކުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. ޙަގީގަތުގައި އެބައިމީހުންނަކީ ގުރްއާނަށް އެންމެބޮޑަށް ކާފިރުވާމީހުންނެވެ. އެބައިމީހުން ގުރްއާން ނަޖިސް ތަކުގެ ތެރެއަށްލައި، ﷲ އަށް ކާފިރުވެ، ޖިންނީންނަށް އަޅުކަން ކުރުމުން މެނުވީ ޖިންނީން އެބައިމީހުންނަށް އެއްވެސް މަޢްލޫމާތެއް ނުދޭނެއެވެ. އެބައިމީހުން ނަމާދުކުރި ކަމުގައިވީނަމަވެސް ޙަގީގަތުގައި އަޅުކަން ކުރަނީ ޖިންނީންނަށެވެ. ﷲ އަކަށް ނޫނެވެ.
އެއްވެސް މީހަކު މަރުވާނީ ކޮންތަނަކު ކޮންވަގުތަކު ކަމެއް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެނގިގެނެއް ނުވެއެވެ. ކަހީނުން ފާލުބަލާފައި ބުނާ އެއްޗަކީ ޙަގީގަތެއް ނޫނެވެ. ފަހަރުގައި ތެދެއް ހެދުނު ކަމުގައިވީނަމަވެސް ޙަގީގަތުގައި އެބައިމީހުން ހަދަނީ ހުސްދޮގެވެ. والله أعلم
(ދިއިސްލާމް ޑެއިލީ/ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް)

