މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ. މިއީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް އެ ސަރަހައްދުން ވަގުތީ ގޮތުން ބަދަލުކުރި އުޅަނދުތައް އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން ފެށުމާ ގުޅިގެން ދޭން ފެށި ޚިދުމަތެކެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް، އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން ފަށާފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ނޯތު ހާބަރުގެ އޭ ޒޯނު ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑާ ދިމާލުގައި ބަނދަރުކުރާ އުޅަނދުތަކަށް މީގެ ކުރިން ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބުނު ނަމަވެސް، މިހާރު އެ ސަރަހައްދަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން އަންނަނީ ކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ފުޅާކޮށް ތާރުއަޅާ ނިންމުމަށްފަހު، ނޯތު ހާބަރުގެ ސަރަހައްދު މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަލުން ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ.
ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 އައު ފައްތިއްޔާ ބޭނުންކުރަން ފެށުމެވެ. މީގެ ސަބަބުން އުޅަނދުތަކަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ބީ ޒޯނު ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރަން ފަށާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ރަމަޟާން މަސްތެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި މިއީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ ޒަމާނީ މަގަކަށް ވެގެންދާނެއެވެ.

