މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ އޭސީއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ އަބްދުﷲ ޝަރީފް ނަމަކަށް ކިޔާ މީހެކެވެ. ހައްޔަރުކުރި އިރު ރޯދަ މަހުގެ ދުވާލު ވަގުތު ކާން އިން ކަމަށާއި، އޭނާގެ ކައިރީގައި ރޫޅާލާފައިވާ އޭސީ ޔުނިޓަކާއި ޓޫލްސްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަބްދުﷲ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ އިމާރާތަށް ވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. އަދި އެ އިމާރާތުގެ ކެމެރާތަކުގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. ހަމަމިއާއެކު، ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ފުރަތަމަ ވައްކަން ކުރި ކަމަށް އިއުތިރާފުވި ނަމަވެސް، ފަހުން ކޯޓުގައި ވަނީ އެކަމަށް އިންކާރުކޮށް، އެތަނަށް ވަނީ ވަރުބަލިވެގެން އަރާމުކޮށްލަން ކަމަށް ބުނެފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާއަކީ ބޯހިޔާވެހިކަމެއް ނެތް، މަގުމަތީގައި ނިދާ މީހެކެވެ. މީގެ ކުރިން އޭނާގެ އުފަން ރަށަށް ބަދަލުވާން ފުރުސަތު ދިން ނަމަވެސް، ފައިސާ އާއި ފޯނު ވަގަށް ނަގާފައިވާތީ ރަށަށް ނުދެވުނީ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން، އޭނާގެ ހާލަތަށް ރިއާޔަތްކޮށް އުފަން ރަށް ހިމެނޭ ތަނެއްގައި ބަންދުކުރެވިއްޖެނަމަ އޭނާއަށް ރަށަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޝަރީއަތަށް ފެންނަކަމަށް ބުނެ ލަފާދީފައިވެއެވެ.

