ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވިއްކާ ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށް ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
ބޭސްފަރުވާއަށް ޑޮލަރު ގަންނަން އެދި ހުށަހަޅާއިރު، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ދާ ފަރާތްތަކުން އެހީ ލިބުނުކަމުގެ ލިއުމާއި، ޓިކެޓް އަދި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި އަމިއްލައަށް ދަތުރުކުރާ ފަރާތްތަކުން ޞިއްޙީ ފަރުވާއަށް ބޭނުންވާކަން އެނގޭނެހެން ޑޮކްޓަރުގެ ލިއުމަކާއި ހޮސްޕިޓަލް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމުގެ ލިއުމެއް ހުށަހަޅަން ޖެހޭނެއެވެ.
ބޭންކުން އިތުރަށް ބުނީ 3 ވަނަ ފަރާތެއްގެ އެކައުންޓަށް ނުވަތަ ބަލިމީހާއާއި އެކު ދަތުރުކުރާ އެހީތެރިއަކަށް ފައިސާ ޖަމާކުރާނަމަ، ބަލިމީހާއާއި ފައިސާ ޖަމާކުރާ ފަރާތާ އޮތް ގުޅުން އެނގޭނެ ލިއުމެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ ނޮވެންބަރު މަހު ޑެބިޓް ކާޑު ލިމިޓަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށް ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.
މި ބަދަލުތަކާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ފަސޭހަވެގެންދާނެ ކަމަށް ބޭންކުން މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިއީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގެނެވުނު ބަދަލުތަކެކެވެ.

