ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ފ. އަތޮޅާއި ދ. އަތޮޅުގައި ދޭނެ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިއަދު އާންމުކޮށްފިއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ފ. އަތޮޅާއި ދ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ އެއްކޮޅު ދަތުރަކަށް 35 ރުފިޔާއެވެ. އަދި މި ދެ އަތޮޅުގެ އެތެރޭގެ ދެކޮޅު ދަތުރަކަށް އެންމެ ގިނަވެގެން ދައްކަން ޖެހޭނީ 130 ރުފިޔާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 130 ރުފިޔާއެވެ. އަދި ދެ އަތޮޅު ދެމެދު ކުރާ ދެކޮޅު ދަތުރެއްގެ އަގަކީ 300 ރުފިޔާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.
ފ. އަތޮޅާއި ދ. އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މީގެ އިތުރުން ދާދި ފަހުން ރ. އަތޮޅުގައި ވެސް މި ޚިދުމަތް ފަށާފައިވާއިރު، މިއާއެކު ރާއްޖޭގެ 15 އަތޮޅެއްގައި މިހާރު އާރްޓީއެލްގެ ޚިދުމަތް ދަނީ ދެމުންނެވެ.
މުޅި ރާއްޖެ ތިން ފޭސްއަކަށް އަދި ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫޢެކެވެ. މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، އަގުހެޔޮކޮށް އަދި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އަތޮޅުތަކުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

