ބޯފެނާއި ލުއި ބުއިންތައް ހުސްކުރި “ޕެޓް” ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް އަންގާފައި މިވަނީ ބާޒާރުގައި ބައެއް ވިޔަފާރިކުރާ ފަރާތްތަކުން އެފަދަ ފުޅީގައި ތަކެތި ބަންދުކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަވުމާ ގުޅިގެންނެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެކި ބާވަތްތަކުގެ ބުއިންތައް މިފަދަ ފުޅިތަކުގައި ބަންދުކޮށްގެން ވިއްކުން ހިމެނެއެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ފެނާއި ލުއިބުއިންތައް ބަންދުކޮށްފައި ހުންނަ ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މި ފުޅިތަކަކީ “ޕޮލިއެތިލީން ޓެރަތަޔަލޭޓް” ނުވަތަ “ޕެޓް” އިން ތައްޔާރުކޮށްފައިވާ ފުޅިތަކަކަށް ވާއިރު، އެއްފަހަރަށްވުރެ ގިނައިން މި ބާވަތުގެ ޕްލާސްޓިކް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.
މިފަދަ ފުޅިތައް ތަކުރާރުކޮށް ބޭނުންކުރުމުގެ ނުރައްކަލާ ގުޅޭގޮތުން އެމްއެފްޑީއޭއިން ވިދާޅުވީ، އޭގެ ސަބަބުން ފުޅީގައި ހިމެނޭ ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށްކޮށް، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ބޯފެނާއި ލުއި ބުއިން ބަންދުކޮށްފައި ހުންނަ ފުޅި ހުސްވުމުން، އެ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްފައި ނުވިއްކުމަށް ވިޔަފާރިކުރާ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބާޒާރުގައި ކުރުނބާ ފަނި ވިއްކުމުގައާއި އަދި ގޭބިސީތަކުގައި ފަނި އެޅުމަށްވެސް މިފަދަ ފުޅިތައް އާންމުކޮށް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން މިފަދަ އާދަތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީގެ އިރުޝާދުތަކުން ދޭހަވެއެވެ.

