ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގެ 54,400 އަށްވުރެ ގިނަ ގޭބިސީއަށް މިހާތަނަށް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރޭގެ ނިޔަލަށް މާލެ ސަރަހައްދުގެ ޖުމްލަ 54,454 ގޭބިސީއަކަށް މަސްދަޅު ކޭސް ވަނީ ހަވާލުކޮށްފައެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ.
މާލޭގެ އިތުރުން، އަތޮޅުތަކުގެ ރަށްތަކަށް މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން، އަތޮޅުތަކުގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
އެކި ސަބަބުތަކާހުރެ މިހާތަނަށް މަސްދަޅު ކޭސް ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މާލެއާއި ހުޅުމާލޭގައި މަސްދަޅުކޭސް ނެގޭނެ އިތުރު އިންތިޒާމުތަކެއް ސިޓީތަކާބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ. މިގޮތުން، އެ ވުޒާރާގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ.
މި ތަންތަނުން ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ. މި އިންތިޒާމުގެ ދަށުން އަދިވެސް ހަދިޔާ ނުލިބޭ ގޭބިސީތަކަށް އެ ފުރުޞަތު އޮންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

