އިންސާނީ ޙައްޤުތަކާބެހޭ މަޖިލިސް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. ވަޒީރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގެ ބައްދަލުވުންތަކުގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މި ދަތުރުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކި ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މި ސެޝަނަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “މި ސެޝަންގެ ހުރިހައި މަރުޙަލާއެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދެމިއޮންނާނެ” ކަމަށެވެ.
ދިވެހިރާއްޖެއަކީ 2023 އިން 2025 އަށް ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިޚާބީ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުކަން ރާއްޖެއިން އަދާކުރާ ތިންވަނަ ދައުރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، އެކި ޤައުމުތައް ގުޅިގެން މިދާއިރާއިން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދ. ގެ މުހިންމު ގޮތްޕެކެވެ.

