ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ކަނޑައަޅާފައިވާ ކެމްޕެއިން ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު ބޭއްވި ޖަލްސާގައި، އެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބޭފުޅުން ވަނީ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ޖަގަހަ ހުޅުވައިދެއްވިކަމަށްޓަކައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ބޮޑަށް އަލިއަޅުވާލެއްވީ ސަރުކާރުގެ ތަސައްވުރު ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ދައުރާ ބެހޭގޮތުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ހަޤީޤަތަކަށް ހެދުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވާދަވެރި ފަރާތްތަކަށް ފާޑުވިދާޅުވަމުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އެޖެންޑާއެއް ނުވަތަ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ. ނަމަވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ނުކުމެ ތިބީ ޤައުމާއި ދާއިރާގެ ކުރިއެރުމަށްޓަކައި ހަޤީޤީ ތަސައްވުރަކާއި އަމާޒުތަކަކާއެކު ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. އެ ޕާޓީން މިހާރު ދަނީ މުޅި ރާއްޖޭގައި، އަދި ޚާއްސަކޮށް މާލޭގެ ދާއިރާތަކުގައި ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަމުންނެވެ.

