ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުކުރާ ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތިބޭ ބައެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ގާނޫނުގައި އޮތީ ޖަވާބުދާރީވާން ޖެހޭނީ ކައުންސިލުން ކަމަށް. ސަރުކާރު ޖަވާބުދާރީ ކުރުވަން ނުޖެހޭނެ ކަމަށް ގާނޫނުން ވަރަށް ސާފުކޮށް އެނގޭ،” ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ، ލާމަރުޒަކީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމަކްރާތީ އަދި ޖަވާބުދާރީވެނެވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މާލެ ސަރަހައްދުގައި ފަށާފައިވާ އާބަން ޕްރައިމަރީ ހެލްތްކެއާގެ ހިދުމަތްތަކެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ ނިންމުންތަކުގައި މޭޔަރުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، ކައުންސިލަރުން ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރާނެ މޭޔަރަކާއި ކައުންސިލަރުންތަކެއް ތިބެގެން ކަމަށެވެ. ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސިޓީ ކައުންސިލުގެ ދައުރު ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރާނެ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ހަލީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

