މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ކުއްލިއަކަށް އުފުލިފައިވީ ނަމަވެސް، ރައްޔިތުންނަށް ދަތި ނުވާނެ ހެން ހެޔޮ އަގުގައި އެސްޓީއޯ އިން އޮރެންޖް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ހާމަ ކޮށްފިއެވެ.
ބާޒާރުގައި އޮރެންޖު މަދުވުމާ ގުޅިގެން މިއަދު އާންމު ފިހާރަ ތަކުގައި އޮރެންޖެއް ލިބެން ހުރީ 15 ރުފިޔާއަށް ވުރެ ބޮޑު އަގެއްގައެވެ. ނަމަވެސް އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސްޕަމާޓުންނާއި ޕީޕަލްސް ޗޮއިސް އިން ހެޔޮ އަގުގައި އޮރެންޖް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެސްޓީއޯއިން މިހާރު އޮރެންޖް ކިލޯއެއް ވިއްކަމުންދަނީ 40 ރުފިޔާ އަށެވެ. މި އަގަށް ބަލާއިރު އޮރެންޖެއްގެ އަގު ހަ ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެއެވެ.
މީގެ ކުރިން ބާޒާރުގައި އޮރެންޖެއްގެ އަގު ހުރީ ގާތްގަނޑަކަށް 10 ރުފިޔާގެ ރޭޓުގައެވެ. އެހެންކަމުން އެސްޓީއޯގެ މި ނިންމުމާއެކު އާންމު ބާޒާރަށް ވުރެ ބޮޑުތަނުން ހެޔޮ އަގުގައި މިހާރު އޮރެންޖް ލިބިގެންދާނެއެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އެސްޓީއޯ އިން ދަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތެއް އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ.
މި ލިސްޓުގައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ހިމެނޭ އިތުރު ބާވަތްތައް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ދުނިޔޭގެ ބާޒާރަށާއި ރާއްޖޭގެ ބާޒާރަށް އަންނަ ބަދަލުތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

