ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހެންވޭރު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަރަކާތުގައި ރައީސް ވަނީ އެ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވައި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ އިތުރުން މަޖިލިސް މެންބަރުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ކުރައްވަމުންދާ ސިލްސިލާ މަސައްކަތްޕުޅުތަކުގެ ބައެކެވެ. ރައީސް މުޢިއްޒަކީ މޭޔަރުކަމުގައި ހުންނެވިއިރުވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ކަންކަން އޮޅުންފިލުއްވުމަށް އިސްކަންދެއްވާ ބޭފުޅެކެވެ.
ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުޢިއްޒު ވަނީ ހުރިހާ ކެންޑިޑޭޓުން ވެސް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. މިހާރުވެސް އެ ޕާޓީން އަންނަނީ މުޅި ރާއްޖޭގައި އިންތިޒާމުވެގެން ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިހާތަނަށް އިންތިޚާބަކާ ނުލައި ކޮންގްރެސް ޕާޓީއަށް ވަނީ ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު ޖުމްލަ 69 ގޮނޑި ކަށަވަރުވެފައެވެ.

